މިއަހަރުގެ ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން އިތުރު ދަރިވަރުންނަށް ލޯން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާތީ 458 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށްއޮތް ތަނަށް ސަރުކާރުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު ސްޓުޑަންޓް ލޯން ދޫކުރާނެކަމަށް ބެލެވުނު ދަރިވަރުންގެ އަދަދަށްވުރެ އިތުރަށް ލޯނު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް ލޯނު ސްކީމްގެ ތެރެއިން މަތީ ތައުލީމު ހާސިލުކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން، އަހަރުގެ ތެރޭގައި ކިޔަވަން ފަށާ މިންވަރު އިތުރުވުމުން މިއަހަރުގެ ތެރޭގައި އެކަަމަށް އިތުރަށް ހަރަދު ހިނގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ސްޓޫޑަންޓް ލޯނަށް 458 މިލިއަން އިތުރުކުރަން ހިމަނާފައިވާ އިރު، މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނައިގެން އެކަމަށް 600 މިލިއަން ރުފިޔާ ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މިއަހަރަށް އެކަމަށް ކަނޑައަޅާފައިވާ ބަޖެޓް އެއް ބިލިއަނަށްވުރެ އިތުރުވެގެންދާނެއެވެ.