ރާއްޖޭގައި ޓޫރިޒަމް ނެތް އަތޮޅުތަކުގެ ތެރެއިން މާލެއާ ދުރުގައިވާ އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ގާނޫނު އިސްލާހު ކުރުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްތަކެއް ޓޫރިޒަމް ތަރައްގީކުރަން ދޫކޮށް، ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެތަންތަނުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތުމުން އެކަމާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެތަންތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓޫރިޒަމް ތަރައްގީކުރުމަށް، ދިވެހިންނަށް ލޯނު ލިބުމަށް ދަތިވެފައިވާ މައްސަލަ ކަމަށެވެ.

"އަޅުގަނޑުމެން މިކަން ބެލި ބެލުމުގައި އެންމެ ބޮޑު ޗެލެންޖަކަށް އޮތީ ރާއްޖޭގައި އިންވެސްޓް މެންޓް ބޭންކެއް ނެތުމުގެ މައްސަލަ، ރާއްޖޭގައި މިހިރަ ލޯކަލް ބޭންކުތަކުގައި މިއަދަދަށް ތަރައްގީ ކުރުމުގެ ލޯނު، އެވަރަށް ދެވެން ނެތް އަދި އެ އިންޓްރެސްޓް ރޭޓުގައި ލޯނު ނަގައިގެން އެކަން ކުރެވެން ނެތީމަ،" ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ބޭންކު ގާއިމް ކުރުމަކީ ދިވެހި ޒުވާނުންނަށާއި ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް ޓޫރިޒަމް ސިނާއަތުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ފަހިވެގެންދާ ފުރުސަތުތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލެ އާ ދުރު، ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި އެތަންތަނުގެ އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އިކުއިޒިޝަން ފީ އާއި ބިމު ކުލީގެ އިތުރުން ޓެކްސްގެ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާ މަޝްވަރާ ކުރެއްވުމަށްފަހު އެ ކަމަށް ބޭނުންވާ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޓޫރިޒަމަށް ތަރައްގީ ކުރަން ނަގައި ގިނަ ދުވަސް ވުމުގެ ސަބަބުން އެ ފަރާތްތައް ކޮށްފައިވާ ޖޫރިމަނާތަކަށް ލުއި ދިނުމަށް ވެސް ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.