އިޒްރޭލުން އިރާނަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު ލީކުވުމުން އެމެރިކާއިން ތަހުގީގު ކުރަން ނިންމައިފިއެވެ.

އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ވަނީ އިޒްރޭލުން އިރާނަށް ހަމަލާދިނުމަށް ވަމުންދާ ތައްޔާރީތަކުގެ އިންޓެލިޖެންސް މައުލޫމާތު ލީކުވެފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އެ މައުލޫމާތު ބަޔަކު ހެކް ކުރީތޯ ނުވަތަ ލީކުވީތޯ ބެލުމަށް ތަހުގީގުގެ ފުރަތަމަ މަރުހަލާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ތަރުޖަމާނު ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަހުގީގު ކުރިޔަށްދާގޮތް ގާތުން ބައްލަވަމުން ގެންދަވާކަން ކަމަށް ފާހަގަކުރައްވައިފައެވެ.

ވައިޓްހައުސްގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ސަރުކާރުން އެކަމުގައި ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެވަރުގެ މައުލޫމާތެއް ލީކުވެފައިވުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

އިރާނުން މިމަހުގެ އެއްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ތައްޔާރު ވަމުން އަންނަ ކަމުގެ މައުލޫމާތު މީޑިއާގައި ދަނީ ދައުރުވަމުންނެވެ.