ހއ. ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އެކަމަށް ހުޅުވާލީ ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71،832 އަކަފޫޓުގެ ބިމެއްގައި 75 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށެވެ. ބާރަށުގައި އީކޯ ޓޫރިޒަމަށް ހާއްސަ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެކަމަށް ހުޅުވާލުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެކަމުގައި ބާރަށު ކައުންސިލުން ބޭނުންވާ ހުރިހާ ޓެކްނިކަލް އެއްބާރުލުމެއް މިނިސްޓްރީގެ ފަރާތުން ލިބޭނެ ކަމަށާއި ބިން ކުއްޔަށް ދޭނީ 50 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މަޝްރޫއުގެ ތެރެއިން އިތުރު ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ތެރޭގައި ސީއެސްއާރުގެ ތެރެއިން އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން އެތަނުން ހިމާޔަތްކުރަން ބޭނުންވާ ސަރަހައްދެއް ހިމާޔަތްކުރުމުގެ ކަންކަން ވެސް ހިމެނޭ. އަދި ހެރިޓޭޖްގެ ކަންކަން ވެސް ކުރިއަށްގެންދާ ގޮތަށް މި ހުޅުވާލީ. އަޅުގަނޑުމެން ވަރަށް ބޮޑަށް މި ބިޑުގެ އިވެލުއޭޝަނާއި ހުރިހާ ކަމެއް ވެސް ކުރިއަށްގެންދާނީ ޓޫރިޒަމް މިނިސްޓްރީން. ހުރިހާ ކަމަކަށް ބާރަށު ކައުންސިލާއެކު ވަނީ އެއްބަސްވެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ހއ. އަތޮޅުގައި ޓޫރިޒަމަށް މުހިންމު މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އަންނަ އަހަރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމި، ހުޅުވެންވާއިރަށް ހއ އަދި ހދ. އަތޮޅަށް ގިނަ ޓޫރިސްޓް އެނދުތަކެއް ގެނައުމަކީ ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

"އެންމެ ބޮޑު ބޭނުމަކީ ޓެކްސް ބޭސް ބޮޑުކުރުން. އެހެންވީމާ ޓޫރިޒަމްގެ އިތުރު ހޮޓާތަކެއް އެޅިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ ބާރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑު އުންމީދުކުރަނީ މި ހުޅުވާލެވުނު ބިޑުގައި ވަރަށް އެކަށީގެންވާ ޕޮޓެންޝަލް ޕާޓީތަކުން މިއަށް ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް. އިތުރު މައުލޫމާތު ކުރިއަށްއޮތް ތަނުގައި ހާމަކުުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް އެދޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށާއި ބީލަން ފޮތް ލިބެން ހުންނާނީ މިމަހުގެ 22 އިން ފެށިގެން ޑިސެމްބަރު 4 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު އެ މިނިސްޓްރީގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ކަމަށެވެ.

އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ޑިސެމްބަރު 4 ގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.