ރާއްޖޭން ބޭރުން ހޮސްޕިޓަލެއް ގަންނަން ފައިސާ ހަރަދު ކުރަންޖެހޭ އަދަދަށް، ރާއްޖޭން ބޭރުގެ ބައެއް ހޮސްޕިޓަލްތަކަށް އާސަންދައިން ހަރަދު ކުރަމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށް، ހުށަހަޅާފައިވާ ރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކު އެސެސްމެންޓް ރިޕޯޓު ދިރާސާ ކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އާސަންދައިން ހަރަދު ކުރަންޖެހިފައިވާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ދީފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެހާ ހަމައަށް އާސަންދައިން 1.7 ބިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ބުނެފައިވާ އިރު، މިހާރު އެ އަދަދު ދެ ބިލިއަނަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއަހަރު ނިމޭ އިރު، އެ އަދަދު ތިން ބިލިއަނަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ނޭވާގެ ކޮޅަށް މަސައްކަތް ކޮށްގެން ވެސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެނީ 34 ބިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ތިން ބިލިއަން ރުފިޔާ އާސަންދައަށް ހަރަދުކުރަން ޖެހުމަކީ މުޅި ދައުލަތަށް ލިބޭ އާމްދަނީގެ 10 ޕަސެންޓް އެކަމަށް ހަރަދު ކުރަން ޖެހުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭން ބޭރުގެ ބައެއް ހޮސްޕިޓަލްތަކާއި ހޮސްޕިޓަލްތަކަށް އާސަންދައިގެ ގޮތުގައި އަށް ބިލިއަން ރުފިޔާއާ ހަމައަށް ހަރަދު ކުރަމުންދާ އިރު، އެއީ ހޮސްޕިޓަލެއް ގަންނަން ލިބޭނެ އަގު ކަމަށެވެ.

އެހެންކަމުން ނާޒިމް ވަނީ، އާސަންދަ ރިފޯމް ކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި އެ ކަން އަވަސް ކުރުމަށް ނާޒިމް ވަނީ ގޮވާލައްވައިފައެވެ.