ފިނޭންސް މިނިސްޓްރީގެ ދަށުގައި ދައުލަތުގެ ކުންފުނިތައް އޮތްއިރު، އެ ކުންފުނިތަކުގެ ހިންގުން މާރަނގަޅު ކަމަށާއި އަނެއްކާވެސް އެ ބަދަލު ގެނައުމަށްޓަކައި ގާނޫނަށް އިސްލާހެއް ގެނައުމަށް ވިސްނަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައި އޮންނަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ކަންކަމުގައި ޒިންމާވާން ޖެހޭނީ ކޮން މުއައްސަސާއެއްކަން ނޭނގޭ ވަރަށް މުއައްސަސާތައް ގިނަވެއްޖެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުންޏެއްގެ ކަންކަމުގައި ސަރުކާރަށް ބަސް ނުބުނެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ރަނގަޅަށް ނުހިނގާ ސަބަބަކީ އެ ތަންތަނަށް ޒިންމާވާނީ ކޮން ބައެއްކަން ޔަގީންވެފައި ނެތުން ކަމަށެވެ.
"ޕީސީބީން ބަލާނެ ކަމަށް އެއް ބަޔަކު ތިބެނީ. މިނިސްޓްރީން ބަލާނެ ކަމަށް އަނެއް ބަޔަކު ތިބެނީ. ކުންފުނިތަކުގެ ކޮރަޕްޝަނާއި ކަންތައްތައް ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް މައްޗަށް ދިޔައިރު އެ ކަންކަން ބެލޭނެ ގޮތެއްވެސް ނެތް. އެހެންވީމާ އަޅުގަނޑުމެން މި ސަރުކާރުން ވަރަށް ސީރިއަސްލީ ކޮންސިޑާ ކުރާ ކަމެއް، މިފަދަ ތަންތަން ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ؟" އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ދަށުގައި ދައުލަތުގެ ކުންފުނިތައް އޮތްއިރު، އެ ކުންފުނިތަކުގެ ހިންގުން މާރަނގަޅު ކަމަށާއި އެހެންކަމުން ސަރުކާރުގެ ފަންތީގައި އެކަމުގައި ހުރި ރަނގަޅާއި ނުބައި ބެލުމަށް ފަހުގައި ގާނޫނަށް އުސްލާހެއް ގެންނަންޖެހޭ ނަމަ އެކަންވެސް ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު