ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހޫގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެގްރިމަންޓްތައް ބަލައި އެ އެއްބަސްވުންތަކާ ގުޅިގެން އަންނަ މަހު ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ބަދަލުތައް ދިން މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް އުޝާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އުޝާމް ވިދާޅުވީ، ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް އެއް ބިލިއަން ރުފިޔާ ދޭން ކުރީ ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައިން ހުރީ ރަށްތަކާއި ފަޅުތަކުގެ ބަދަލު ކަމަށެވެ. އަދި އެ މައްސަލަތައް ވަކިން ދިރާސާކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ސީދާ ތާރީހެއް ދަންނަވަން ދަތި. ނަމަވެސް އަޅުގަނޑު އުންމީދު މި ކުރަނީ، މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި މިކަމުގައި ކޮންމެވެސް ގޮތެއް ނިންމައިދެވޭނެ ކަމަށް،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ދައުލަތުގެ އެސެޓްތައް ނުއަގުގައި އެކި ފަރާތްތަކަށް ދީފައިވާ ކަމަށާއި އެސެޓް ރިކަވަރީ ގާނޫނެއް މި ސަރުކާރުން ހަދަނީ އެ ބޭނުމުގައި ކަމަށެވެ.
މި ސަރުކާރުން ވަނީ ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީ އުވާލައިފައެވެ. ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީ އުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގައެވެ. އޭރު އެ ކޮމިޓީން ވަނީ 10 އެއްބަސްވުމަކަށް 225 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމައިފައެވެ. ނަމަވެސް އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު