ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން ހުއްޓާލީ ދައުލަތުގެ ހަރަދު ރެކޯޑްކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް އަދި ގާނޫނާ ފުށުއަރާ ފަދަ މައްސަލަތަކެއް ފާހަގަވުމުން ކަމަށެވެ.
އެކަމުގެ ސަބަބުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމުލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެ މައްސަލައަކީ އަސްލުގައި ޕްރޮޖެކްޓްސްއާ ގުޅޭ ޑިސްބާސްމަންޓްސްތައް ހިނގަމުންދާ އަހަރުގެ ތެރޭ ރިކޯޑްކުރުމުގެ މައްސަލައެއް މި އުޅެނީ،" ޒަމީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބަޖެޓުގައި ކުދި އަދަދުތަކެއް ޖެހުމަށްފަހުވެސް ހަރަދުކޮށްފައި އެބަހުރި ކަމަށެވެ.
"ބަޖެޓުގައި ކުދި އަދަދުތަކެއް ޖަހާފައި މި ހަދާ ގޮތަކީ ހަރަދުކުރަނީ. ހަރަދުކުރީމާ މިވާ ގޮތަކީ މިސާލަކަށް 100 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި ދެ މިލިއަން ރުފިޔާ ޖަހާފަ ދެން އެ ހަރަދުކުރަނީ. އެކަމު ދެން އަންނަ އަހަރެއްގެ ތެރެއަށް އެ ފޯލްވަނީ. އޭގެ ސަބަބުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ކޭޝްފްލޯގެ ދަތިކަމެއް އެބަ ކުރިމަތިވޭ. މިއީ ގާނޫނާއި ގަވާއިދުތަކާ ހިލާފުކަމެއް" ޒަމީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މި އަދަދުތައް މި އަހަރުގެ ބަޖެޓުގައި ހިމެނުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"އޮޑިޓާ ޖެނެރަލްއަށް މި މައްސަލަ ވާނީ ހުށަހަޅާފައި. ކުރިއަށް އޮތް ދެތިން ހަފުތާތެރޭގައި މިކަމުގައި ރިޕޯޓެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ވަނީ. އެ ރިޕޯޓަށް ބެލުމަށްފަހު މިކަމާމެދު އަޅުގަނޑުމެން ގޮތެއް ނިންމާނީ. މިކަމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގާފައި އެބަ ހުރި. އެ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" އުޝާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ގެންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު