ގާޒާގެ އެންމެ ދެކުނުގައި އިޒްރޭލް ސިފައިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކެއްގައި ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ވެރިޔާ ޔަހުޔާ ސިންވާރު އަވަހާރަކޮށްލެވިއްޖެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. މިއީ ތެދެއްކަމުގައިވާނަމަ މިއީ ހުސްވި އަހަރުގެ އެޕްރީލް ހަތަކުން ފެށިގެން ގާޒާގައި ކުރިއަށްދާ ހަގުރާމައިގައި އިޒްރޭލަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. ސިންވާރު އަވަހާރަކޮށްލެވިގެން އެކަމުގެ އުފާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. އުމުރުން 62 އަހަރުވީ ސިންވާރު އަވަހާރަކޮށްލެވިއްޖެ ކަމަށް އިޒްރޭލުން އެބުނާ ބުނުމާމެދު ހަމާސް ޖަމާއަތުން ބުނަނީ ކީކޭބާވައެވެ. އެއީ ތެދެއްކަން ހަމާސް ޖަމާއަތުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ވެރިޔާ ނުވަތަ އެހެންގޮތަކަށް ބުނާނަމަ ހަމާސްގެ މުޖާހިދުންގެ އެންމެ އިސް ކޮމާންޑަރު ޝަހީދުވުމަކީ އެ ޖަމާއަތަށް ލިބުނު ކިހައިވަރެެއްގެ ގެެއްލުމެއް ހެއްޔެވެ.
އެއީ ވަރަށްވެސް ބޮޑު ގެެއްލުމެކެވެ. ވަކިވެގެން އެދިޔައީ ހަމާސްގެ އަސްކަރީ ސިކުނޑިއެވެ. އެކަމަކު އޭނާ އަވަހާރަވުމަކީ އިޒްރޭލުގެ އުދުވާނުގެ ކުރިމަތީގައި ހަމާސް ކުޑަކަކޫ މައްޗަށް ތިރިވެ އަމާންދޭނެ ކަމެއް ނޫނެވެ. ދެންވެސް ޖިހާދު ދާނީ ކުރިއަށެވެ. ހަމާސްއިން ނެރުނު ބަޔާނުގައިވެސް އެކަންވަނީ ކަށަވަރުކޮށްދީފައެވެ. އެމީހުން ބުނެފައިވެއެވެ. ޔަހުޔާ ސިންވާރު ޝަހީދުކޮށްލުމަކީ ޖިހާދު ކުރިއަށްގެންދަން ލިބުނު އިތުރު ހިތްވަރެކެވެ. އިޒްރޭލަށް އަމާން ދިނުމެއް ނެތެވެ. ސިންވާރަކީ ހުސްވި އަހަރުގެ އޮކްޓޫބަރު ހަތެއްގައި ހަމާސްއިން އިޒްރޭލަށް ގުޑުން އަރުވައިލި މަޝްހޫރު އޮޕަރޭޝަނުގެ މޭސްތިރިއެވެ. އެ ހަމަލާގެ ސިކުނޑިއެވެ. ގަބޫލުކުރެވިފައިވަނީ އެ ހަމަލާގައި ބައިވެރިވި ހަމާސްގެ ކޮމާންޑޯއިންގެ ލީޑަރުގެ ގޮތުގައި އަމަލީ ގޮތުންވެސް ސިންވާރު އެ އޮޕަރޭޝަނުގައި ބައިވެރިވެވަޑައިގެންނެވި ކަމުގައެވެ. ހަމާސްގެ ކޮމާންޑޯއިން މި އޮޕަރޭޝަން ހިންގީ އިޒްރޭލުގެ ތެރޭގައެވެ. އެންމެ އެތެރޭގައެވެ.
އިޒްރޭލުގެ ސިފައިންނާއި ފުލުހުންތިބީ ވާނުވާއެއްގައެވެ. ތިން ހަތަރުގަޑިއިރު ވަންދެން އިޒްރޭލުގެ ތެރޭގައި ތިބުމަށްފަހު މި ގްރޫޕް އަލުން ގާޒާއަށް ރުޖޫއަވީ އިޒްރޭލުގެ އެތައް ސަތޭކަ ރަހީނުންނާއެކުގައެވެ. ކޮންމެއަކަސް ޔަހުޔާ ސިންވާރަކީ އިޒްރޭލް އުފެދުނުފަހުން މިހާތަނަށް އިޒްރޭލު އެންމެ ބޮޑަށް ގުޑުވައިލި މުޖާހިދެވެ. އިޒްރޭލަށް އެންމެ ބޮޑު ބިރުވެރިކަމެއް ގެނެސްދިން މުޖާހިދެވެ. އިޒްރޭލުގެ ވަށައިގެން ލެވިފައިވާ ކަމަށް އިޒްރޭލުން ބުނާ ދަގަނޑު ދަހަނާގައި އެއްވެސް ބާރެއްނެތްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން މުޖާހިދެވެ. އެހެންވީމާ ޔަހުޔާ ސިންވާރު އަތުލައިގަތުމަށްޓަކައި ނުވަތަ އަވަހާރަކޮށްލުމަށްޓަކައި ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި އިޒްރޭލުން ނުފޮރޮޅާ އެންމެ ގާކޮޅެއްވެސް ނެތެވެ. ކޮށްފައިނުކުރާކަށް ވަކިކަމެއް ނެތެވެ. އެންމެފަހުން ޔަހުޔާ ސިންވާރާއި ހަމައަށް އިޒްރޭލުގެ އަތްފޯރީ އެމީހުންނަށް ލިބުނު ޖާސޫސީ މައުލޫމާތަކުން ނުވަތަ އެނގިފައިވާ އެނގުމެއްގެ އަލީގައި ކުރިކަމަކުންނެއް ނޫނެވެ.
އެއީ ހަމައިއްތިފާގެކެވެ. އިޒްރޭލުގެ ސިފައިންގެ ޔުނިޓަކާއި ހަމާސްގެ މުޖާހިދުންގެ ބަޔަކާ ދެމެދު ކުއްލި ކުރިމަތިލުމެއް ހިނގީއެވެ. ރަފާއާ ގާތުގައިވާ ހިސާބެއްގައެވެ. އިޒްރޭލުގެ ސިފައިން ރައްދުދިނީ ބޮޑުބަޑިންނެވެ. މިކުރިމަތިލުންތަކުގައި ހަމާސްގެ ތިން މުޖާހިދަކު ޝަހީދުވިއިރު ފަހުން އެނގުނު ގޮތުގައި އޭގެތެރެއިން އެކަކީ ސިންވާރެވެ. މިހާ ގިނަދުވަހު އިޒްރޭލުގެ އަމާޒުފަތްގަޑަކަށްނުވެ ސިންވާރަށް ހުންނެވުނީ އޭނާގެ ހުޝިޔާރުކަމާއި ހިކުމަތްތެރިކަމުންނެވެ. މުވާސަލާތު ކުރެެއްވުމުގައި މިޒަމާނުގެ އިލެކްޓްރޯނިކް އެއްވެސް ވަސީލަތެއް އޭނާ ބޭނުމެއް ނުކުރައްވައެވެ. ހަމާސްގެ އެކި ޔުނިޓްތަކަށް އެންގެވުންތައް އަންގަވައި މުޅި އޮޕަރޭޝަން ވިލަރެސްކުރައްވަނީ މެސެންޖަރުން ބޭނުން ކުރައްވައިގެންނެވެ. ކޯޑުކުރެވިފައިވާ މެސެޖުތަކެއް ކަރުދާހުގައި ފޮނުއްވައިގެންނެވެ. ކޮންމެއަކަސް ސިންވާރު ޝަހީދުވުމާ ގުޅިގެން ދެން އުފެދޭ ސުވާލަކީ އިޒްރޭލުގެ ރަހީނުންގެ ކަންތައް ދެން ނިމޭނީ ކޮންގޮތަކަށް ހެއްޔެވެ. ސުލްހައިގެ ބަދަލުގައި ރަހީނުން މިނިވަންކުރަން ހަމާސް ދެން އެއްބަސްވެދާނެ ހެއްޔެވެ.
އިޒްރޭލާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތްތަކުން އެމީހުންގެ ލީޑަރޝިޕްގެ އޮނިގަނޑު ތައްޔާރުކޮށްފައިވަނީ ވަކި މީހަކު ޝަހީދުވެގެން މުޅި އޮޕަރޭޝަން ހުއްޓުމަކަށް ނާންނާނޭ ގޮތަށް ވިސްނައިގެންނެވެ. ކޮންމެ މުޖާހިދަކުވެސް ޖިހާދުކުރަނީ އެމީހަކު ދުނިޔޭގައި ހުންނާނެ އެންމެ ފަހުދުވަހަކީ މިއަދުކަމަށް ބަލައިގެންނެވެ. އެގޮތުން ޔަހުޔާ ސިންވާރު ހަމަ ކޮންމެ ވަގުތެެއްގައިވެސް ޝަހީދުވެދާނޭކަމަށް ބަލައިގެން ހަމާސް ޖަމާއަތުންވެސް ޕްލޭންތަކެއް ހަދާފައިވާނެއެވެ. އެހެންވީމާ ސިންވާރު ޝަހީދުވުމަކީ ހަމާސް ޖަމާއަތް ހުއްޓުމަކަށް އައިސް ބޮއްސުންލައިގެންދާނޭ ކަމެއް ނޫނެވެ. ހަމާސްއިން ބުނެފައިވާ ފަދައިން ދެންވެސް ޖިހާދު ކުރިއަށްދާނެއެވެ. އެކަމަކު ދުރުރާސްތާގެ ޕްލޭންތައް ފަހަރުގައި ތަފާތުވެދާނެއެވެ. ރަހީނުން މިނިވަންކުރުމާއި ނުކުރުމަކީ ދުރުރާސްތާގެ ޕްލޭނުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ސިންވާރުގެ ބަދަލުގައި ދެން ހަމާސްގެ އަސްކަރީ ގޮފީގެ ކަންކަމާ ހަވާލުވާނީ ކާކުކަމެއްވެސް އަދި ނޭނގެއެވެ.
ރަހީނުން މިނިވަންކުރުމާމެދު އެމީހަކާ ވާހަކަ ދެއްކުން އިޒްރޭލަށް ފަހަރުގައި ތަންކޮޅެއް ފަސޭހަވެސް ވެދާނެއެވެ. މިކަމަށް ބާރުލިބޭ ބީދަޔަކުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވާހަކަވެސް ދައްކައިފައެވެ. އޭނާ ބުންޏެވެ. ސިންވާރު ނެތިއްޔާ ދެން އެއީ ހަނގުރާމަ ނިމުމުގެ ފެށުންކަމަށް ބެލިދާނެއެވެ. ސިންވާރާއި ނުލައި ހަނގުރާމަ ނިންމާލެވިދާނެ ކަމަށް ނަތަންޔާހޫ އެބުނަނީ ސިންވާރު ނެތިއްޔާ ފަލަސްތީނުގެ ރައްޔިތުންގެ ހިތުތެރޭގައި މިނިވަންކަމުގެ ޝުއޫރުތައް ނުހިނގާނޭކަމަށް ހީވެގެން ހެެއްޔެވެ. ސިންވާރު ނެތިއްޔާ މިނިވަންކަމުގެ ޖިހާދުގައި ހަކަތައެއް ނުހުންނާނޭ ކަމަށް ބަލައިގެން ހެއްޔެވެ. ނަތަންޔާހޫގެ ރައުޔަކީ އެއީ ކަމަށް ވެދާނެއެވެ. އެކަމަކު ހަގީގަތުގައި ސިންވާރު އެދައްކައިދިނީ ޖިހާދުގެ މަގެވެ. ޖިހާދުކުރަންވީ ގޮތެވެ. ފަލަސްތީނުގެ ޒުވާނުންގެ މެދުގައި ސިންވާރަކީ ހީރޯއެކެވެ. އޭނާ ޝަހީދުވި ގޮތަކީވެސް އޭނާގެ ހައިސިއްޔަތު އުފުލިގެންދިޔަ ކަމެކެވެ. ސިންވާރު ޝަހީދުވިއިރު އޭނާގެ އެއްއަތްވެސް ވަނީ ހަށިގަޑާ ވަކިވެފައެވެ. ޖިހާދުކުރައްވަމުން ގެންދެވީ އަނެއް އަތުންނެވެ. އެންމެ ފަހު ނޭވާޔާ ހަމައަށް ސާބިތުކޮށްދެއްވީ ހިތްވަރާއި އަޒުމެވެ. ފަހަތަށް ނުޖެހުމުގެ ނަމޫނާއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް