ހަމާސްގެ އާ ލީޑަރު ސިންވާރު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެެ.

އިޒްރޭލުގެ ޑިފެންސް ފޯސް އިން ރޭ ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ސިންވާރު ޝަހީދުކޮށްލާފައިވަނީ ދެކުނު ގާޒާގައި ބުދަ ދުވަހު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

އެބަޔާނުގައި ބުނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ހަމަލާގެ މޭސްތިރިއަކީ ސިންވާރު ކަމަށާއި ސިންވާރު އަވަހާރަކޮށްލަށް ރާވައިގެން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އިޒްރޭލުން ބުނީ މި ހުރިހާ ދުވަހު ސިންވާރު އުޅުނީ ގާޒާގެ އާންމުންގެ ތެރޭގައި ފިލައިގެން ކަމަށާއި ސިންވާ ދިރިއުޅުނީ ހޮހޮޅަ ތަކުގައި ފިލައިގެން ކަމަށެވެ.

ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމަށް އިޒްރޭލުން ހިންގި އޮޕަރޭޝަން ކާމިޔާބު ވެފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަށް ބަލައި ހަމަލާ ދިނުމުގެ ސަބަބުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޔަހްޔާ ސިންވާރަކީ ހަމާސްގެ ލީޑަރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ފަރާތެވެ. އޭނާ ހަމާސްގެ ލީޑަރަކަށް އައްޔަންކޮށްފައިވަނީ ދާދި ފަހުން އިޒްރޭލުން ދިން ހަމަލާގައި ހަމާސްގެ ކުރީގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލާފައިވާތީއެވެ.