ޓެކްސް ބޮޑުކުރަންވެއްޖެނަމަ ރާއްޖޭގެ އިގުތިސާދު ހަލާކުވެ ނިކަމެތިވެގެން ހިނގައިދާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ، ގްރީން ޓެކްސްގެ ނިސްބަތް 100 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި ބިލުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ، ޓެކްސް ނަގަނީ ރައްޔިތުންނަށް ފައިދާ ހޯދައިދީ ރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައި ދިނުމަށް ކަމަށްވީ ނަމަވެސް މިހާރުވެސް އެކަންކަން ކުރަން ބޭނުންވާ ވަރަށް ދައުލަތަށް ޓެކްސް ފައިސާ ލިބޭ ކަމަށެވެ.

"ރައްޔިތުންނަށް ބޭނުންވާ ވަރަށް މިހާރުވެސް ޓެކްސް އެބަ ނަގާ، އެއަށްވުރެވެސް ގިނައިން އެބަ ނަގާ، އަޅުގަނޑުމެންނަށް ފަސް ބިލިއަން ޑޮލަރު އެބަ ލިބޭ ޓެކްސްގެ ގޮތުގައި، އެއަށްވުރެވެސް މަތިން އެބަ ލިބޭ، އެހެން ނަމަވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި ފެނިގެން މި ދިޔައީ ބުރަ މަސައްކަތްކުރާ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރު ކުރަމުންދާތަން، އެގޮތަށް ޓެކްސް ނަގަމުން ގޮސްފައި މިއަދު މި ވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމަކަށްވެފައި، މި ގައުމަށް ލާރިވެސް ލިބޭ، މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮންނަ އެންމެ މުއްސަނދި ގައުމު، ޓެކްސް ބޮލަކަށްޖެހޭ މިންވަރަށް ބަލާއިރު، އެހެން ނަމަވެސް މި ނަގާ ޓެކްސްގެ ތެރެއިން ފަސް ބިިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާ ދެ ބިލިއަން ޑޮލަރު ކޮންމެ އަހަރަކު މި އަޅާލަނީ ކަނޑަށް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެގޮތަށް އެކަން ކުރާނަމަ ޓެކްސް ނަގާ މިންވަރު 100 ގުނައަށް ޖެއްސި ނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ޓެކްސް ނެގުމާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރަންޖެހޭ ކަމަށެވެ.

"ވައްކަން ނުކުރާށޭ، ނުފޭރޭށޭ، ރައްޔިތުންގެ ލާރި ނުފޭރޭށޭ ކުންފުނިތައް ހުއްޓާލާށޭ، އެ ނޫން ގޮތަކަށްދާ ނަމަ ގައުމު ހަލާކުވެގެންދާނެކަން 100 ޕަސެންޓް ޔަގީން، މިހާރުވެސް ކޯޗެއްތޯ މި ގައުމުގައި އޮތީ، މީ ގައުމެކޭ އިނގޭތޯ. މި ގައުމުުގައި މިއަދު ނެތޭ ދެ މިލިޔަންޑޮލަރު، އަޅުގަނޑުމެން ދައްކާ ޓެކްސްތައް ކޮބައިތޯ ކޮންތާކަށްތޯ އަޅާލަނީ ކީއްތޯ ކުރަނީ، މީހުންލޯނު ނަގަަނީ ފައިދާ ހޯދަން ވިޔަފާރިކުރަން ނަމަވެސް މިގަމުން ލޯނު ނަގަނީ ފައިދާއެއްނެތް ގެއްލުންވާ ކަންތައްކުރަން،" ސިޔާމް ވިދާޅުވިއެވެ.