ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރަން ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިންއެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން 50 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ ބޮލަކަށް ހަ ޑޮލަރެވެ. އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަން ޖެހެނީ ތިން ޑޮލަރެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުން، ގްރީން ޓެކްސްގެ ގޮތުގައި މިހާރު ހަ ޑޮލަރު ދައްކަންޖެހޭ ފަރާތްތަކުން ދައްކަން ޖެހޭނީ 12 ޑޮލަރެވެ. ތިން ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ދައްކަންޖެހޭނީ ހަ ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ ބޮޑުވުމެކެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.
ބިލުގައިވާ ގޮތުން މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އަދި މި ޓެކްސް ބޮޑުކުރުމުން އަންނަ 2025 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 963.6 މިލިޔަން ރުފިޔާއިން އިތުރުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު