ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް އުރީދޫ މޯލްޑިވްސް އިން 16 މިލިއަން ރުފިޔާގެ ހާއްސަ މެޑިކަލް ސާމާނު ހަވާލުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ އެއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރުގެ މައިގަނޑު އެއް ތަނބު ކަމަށެވެ. އަދި އެ ތަކެތި ހަދިޔާކުރުމަށްފަހު އުރީދޫން ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ދީފައެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ އެހީތެރިކަމާއެކު މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު ފެށުނު އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި ވަރަށް މުހިންމު ލައިފްލައިނެއްކަން މިހާރުވެސް ސާބިތުވެފައިވާ ކަމަށާއި މިދިޔަ މާޗް މަހު އުރީދޫން ފޯރުކޮށްދިން ޒަރޫރީ ސާމާނަކީ އެ ހިދުމަތް ކާމިޔާބުކަމާއެކު ތައާރަފުކުރުމަށް މަގުފަހިކޮށްދިނުމުގައި ވަރަށް މުހިންމު ބެޗެއް ކަމަށެވެ.

އެއާ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސްގައި، 517 ޕޭޝަންޓުން ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސްދީފައެވެ.

އެ ހިދުމަތުގެ ކާމިޔާބީއާއެކު އުރީދޫ މޯލްޑިވްސް އިން އެއާ އެމްބިއުލާންސްގެ ގާބިލުކަން އިތުރުކުރުމަށް އިތުރު ސާމާނު ވަނީ ފޯރުކޮށްދީފައެވެ. ސްޕެޝަލައިޒްޑް އިކުއިޕްމަންޓުގެ އެ އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލުކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެއް ކަމަށް އުރީދޫން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މިއަދު އުރީދޫން އެއާ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތްކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލައި އަގުވަޒަންކޮށް، ރައްކާތެރިކަން އިހުސާސްކޮށްދީގެން. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދުކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތި ދެއްކެވި ނަމޫނާ ބެއްލެވުން،" މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލްހަމާދީ ވިދާޅުވީ މުޖުތަމައުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމަށްޓަކައި ޕާޓްނަޝިޕްތަކަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އުރީދޫން ގަބޫލުކުރާ ކަމަށާއި ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށްވުމާއެކު، އެއާ އެމްބިއުލާންސްގެ ހިދުމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާ ގުޅިފައިވާ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ ފުހުރުވެރިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެއްބައިވެގެން، ސިއްހީ ހިދުމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ގައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް،" ޚާލިދު އަލްހަމާދީ ވިދާޅުވިއެވެ.

އުރީދޫން ބުނީ އެންމެ ޒަމާނީ މެޑިކަލް ޑިވައިސްތައް ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ނާޒުކު ހާލަތްތަކުގައި ބަލި މީހުން އުފުލާ ވަގުތު އިމަޖެންސީ ފަރުވާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެއް ކަމަށާއި އެ އިތުރު އާލާތްތަކާއެކު އެ ހިދުމަތުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.