މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންއާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ހާމަކުރި ގޮތާ މެދު ފުލުހުން މާފަށް އެދިއްޖެއެވެ.

ވިފާގު އިބްރާހިމް އަދުނާންގެ މަރާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށް އިއްޔެ ވަނީ ފުލުހުންގެ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި މަރާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެ ކުރިން އަމިއްލައަށް މަރުވާ މައްސަލަތަކުގެ މައުލޫމާތާއި މަރުވާ ކުދިންގެ ޒާތީ މައުލޫމާތުތައް ހާމަ ނުކުރާ މިންވަރަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ވިފާގުގެ މަރާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ހިއްސާކޮށްފައި ވަނީ އޭނާގެ މަރާ ގުޅޭ ގޮތުން "ޗެނަލް13" އިން ގެނެސްދިން ރިޕޯޓުގައި ފުލުހަށާއި އޭނާގެ މަންމައަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާތީއެވެ. އަދި އެ ރިޕޯޓުގައި ވިފާގުގެ ދޮންބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާއަށް ނާޒިމް، ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

ވިފާގްގެ ޒާތީ ގިނަ މައުލޫމާތުތަކެއް ފުލުހުން އިއްޔެ ހާމަކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ހާއްސަކޮށް އެފަދަ ޕްރެސްއެއްގައި ހާމަކުރަން ނުޖެހޭ ޒާތީ އެތައް މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިފާގާ ގުޅޭ ވަރަށް ނާޒުކު މައުލޫމާތުތަކެއް ހާމަކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަރާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަކޮށްފައިވަނީ މީޑިއާއަކުން ގެނެސްދިން ރިޕޯޓަކާ ގުޅިގެން ފުލުހުންނާއި އެކުއްޖާގެ އާއިލާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭގޮތުން ޕްރޮގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށެވެ.

އަދި އެ މައުލޫމާތުތައް ފުލުހުން ދީފައިވަނީ ވިފާގުގެ މަންމަ އާއި ބައްޕަ ހިމެނޭހެން އާއިލާއަށް ވެސް އެކަން އެންގުމަށްފަހު ކަމަށެވެ.