ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލްތަކުގެ ފުރަތަމަކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައިވާ އެ ބިލުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ 16 ޕަސެންޓުގެ ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މަހުގެ ނިޔަލަށެވެ. އެއަށްފަހު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގާނީ 17 ޕަސެންޓް ކަމަށްވެސް އިސްލާހުގައިވެއެވެ.

މި އިސްލާހާއެކު ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރަން އިސްލާހު ހުށަހަޅާފައިވަނީ ޓޫރިޒަމްގެ ގާނޫނަށެވެ.

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި އެ ބިލުގައި 50 ކޮޓަރިއަށްވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތް ދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މީގެ އިތުރުން ޑީޕާޗާ ޓެކްސްވެސް ބޮޑުކުރަން އިސްލާހު ހުށަހަޅާފައި ވަނީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވި އެ ބިލުގައި ޑިސެމްބަރު އެކަކުން ފެށިގެން އިކޮނޮމިކް ކްލާސް އިން ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ވަނީ ނިންމައިފައެވެ. ބިޒްނަސް ކްލާސް އިން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓް ކްލާސް އިން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.