އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ. އެ ބިލުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ 16 ޕަސެންޓުގެ ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މަހުގެ ނިޔަލަށެވެ. އަދި އަންނަ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށަން ޖެހޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
މި އިސްލާހާއެކު ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް ވަނީ 50 ޕަސެންޓަށް އިތުރުކުރަން ވެސް ހުށަހަޅައިފައެވެ. އެގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ.
ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
މީގެ އިތުރުން ޑީޕާޗާ ޓެކްސް ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެގޮތުން ޑިސެމްބަރު އެކަކުން ފެށިގެން އިކޮނޮމިކް ކްލާސް އިން ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ވަނީ ނިންމައިފައެވެ. ބިޒްނަސް ކްލާސް އިން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓް ކްލާސްއިން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.
މި ތިން ބިލު ވެސް ވަނީ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު