މިމަސް ފެށުނު ފަހުން ގާޒާއަށް ކާބޯތަކެތީގެ އެއްވެސް އެހީއެއް ވަދެފައި ނުވާކަމަށް އދ އިން ބުނެފިއެވެ.

އދގެ ބެލުމުގެ ދަށުން ކުރިޔަށްދާ ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ ގާޒާގެ އިންސާނީ އެހީގެ ތެރެއިން މިމަހުގެ މިހާތަނަށް، ކާބޯތަކެތީގެ އެއްވެސް އެހީއެއް އެތެރެވެފައި ނުވާތީ، ގާޒާގެ މިލިއަނަކަށްވުރެ ގިނަ މީހުން ބަނޑަށް ޖެހުމުގެ ބިރު ހީވެފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ އޮގަސްޓު މަހު ގާޒާއަށް އެހީގެ 700 ޓްރަކް އެތެރެވެފައިވާއިރު ސެޕްޓެމްބަރު މަހު އެތެރެވެފައިވަނީ 400 ޓްރަކް ކަމަށާއި ގާޒާއަށް ވަދެވޭ ގިނަ ބޯޑަރުތަކެއް ބަންދުކޮށްފައިވާކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ ގާޒާގެ މެދުތެރޭގައި ހުންނަ އެންމެ ބޮޑެތި ބޭކަރީތަކުން ވެސް އޮޕަރޭޝަން ހުއްޓާލާފައިވާކަމަށާއި އެމީހުންނަށް ބޭނުންވާ ފުށާއި އެހެނިހެން ބާވަތްތައް މިހާރު ނުލިބޭ ކަމަށް ފާހަގަކޮށްފައެވެ.

އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން އެތައްބަޔަކު ވަނީ އިންސާނީ ހައްގުތަކުން މަހުރޫމުކޮށްލާފައެވެ.