ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވީ ދަރަވަންދުއަށް ކަމަށް މޯލްޑިވްސް މީޓިިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދެން އެންމެ ވައިގަދަވީ މާލެއަށެވެ. މާލެއަށް ވިލާގަނޑުގައި 56 މޭލަށް ވައިގަދަވެފައެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި ރެކޯޑުތަކުން ދައްކާ ގޮތުގައި، އިއްޔެ އެންމެ ވައިގަދަވީ ބ. ދަރަވަންދުއަށެވެ. އެ ރަށަށް ވަނީ ވިލާގަނޑުގައި 65 މޭލަށް ވައިގަދަވެފައެވެ.

މިދިޔަ ބުދަ ދުވަހު ވެސް އެންމެ ވައިގަދަވީ ދަރަވަންދުއަށެވެ. އެ ދުވަހު އެ ރަށަށް ވަނީ 55 މޭލަށް ވައިޖެހިފައެވެ.

އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް 37.2 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ހުޅުމާލެއަށް ވަނީ 36.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި މާލެއަށް 31.0 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މާލޭ ސަރަހައްދުގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހުނީ ރ. އިފުރަށެވެ. އެ ރަށަށް 34.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މެޓް އޮފީހުން ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވައި ބާރުވާނެ ކަމަށް ލަފާކޮށްފައެވެ.