ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ކުޑަކުއްޖަކު ލައްވައި މީހަކު ސައިކަލު ދުއްވި މައްސަލައާ ގުޅިގެން ކުއްޖަކު ނުރައްކަލެއް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.

ކުއްޖަކު ލައްވައި ސައިކަލު ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ މިއަދުއެވެ. ނަމަވެސް އެ ވީޑިއޯއަކީ ކޮން އިރަކު ހިނގި ކަމެއްކަން އެނގޭނެ ގޮތެއް ވީޑިއޯއަކު ނެތެވެ.

ކާރެއްގައި ދިޔަ މީހަކު ނަގާފައިވާ ކަމަށް ބެލެވޭ އެ ވީޑިއޯގައި ފެންނަނީ ކަޅުކުލައިގެ އެއާބްލޭޑް ސައިކަލެއްގެ ކުރިއަށް ކުޑަކުއްޖަކު ލައިގެން ދުއްވާފައިދާއިރު އެ ކުއްޖާގެ އަތަށް ސައިކަލުގެ ކަނާތް ފަރާތް ނުވަތަ ސްޕީޑް ކޮންޓްރޯލް ކުރަން ދީފައި ހުންނަ ތަނެވެ. ފަހަތުގައި އިން ފިރިހެން މީހާ ވައަތުން ހުންގާނުގައި ކުޑަކޮށް އަތް ޖައްސާލައިގެން އިންނައިރު، އޭނާގެ ކަނާތް އަތް އޮތީ ފައިމަތީގައި ބާއްވާލައިގެންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިރޭ ބުނީ ކުއްޖާ އަތަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ކުއްޖާ އަތަށް ސައިކަލު ދުއްވަން ދިން މީހާ ޓްރެފިކް ގާނޫނާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ބުންޏެވެ.