އިންޑިއާއާއެކު ހެދި އެއްބަސްވުމުގެ ދަށުން އުޅަނދުފަހަރުތަކާއެކު އިންޑިއާ ސިފައިން ރަސްމީކޮށް ރާއްޖެ އަންނާނެ ކަމަށާއި އިގުތިސާދީގޮތުން ވެސް ދެވޭނީ ނުކުޅެދުންތެރިކަމާ ދިމާއަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންޑިއާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ވާހަކަދައްކަވަމުން، ޕީއެންއެފްގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އުތުރުތިލަފަޅުގެ އެއްބަސްވުން ކުރިއަށްވުރެ ވަރުގަދައަށް ދަމަހައްޓާނެ ކަމަށެވެ. އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އަންނަ އިރު، ވަކި ވައްތަރެއްގެ ހަތިޔާރެއް ނުގެނެވޭނެ ވާހަކަ އެއްބަސްވުމުގައި ނެތުމުންނާއި، އުޅަނދުތައް ބަލައި ފާސް ނުކުރޭވޭނެ ވާހަކަ ނެތުމުން ވެސް އޭރު އިދިކޮޅުގައި ތިބެގެން މިހާރުގެ ވެރިން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދިވެހި ދައުލަތުގެ ހުރިހާ ކަމެއް ކޮމްޕްރޮމައިޒްވެގެން ހުރިހާ ކަންތައްތަކެއް ގެއްލިގެންދާ އިރު، ނޫނީ ގެއްލުނު ކަންކަން ހޯދަން ނޫޅޭ އިރު، އަޅުގަނޑުމެންނަކަށް ނުފެނޭ މި ބޭފުޅުން އަޑުއުފުއްލަވާ ތަނެއް. ހުރިހާ ސިޔާސީ ލީޑަރުން ފެއިލްވެއްޖެ. ދިވެހިރާއްޖެއަށް އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އަޅުގަނޑުމެން ނެގީ ދެ މައްސަލަ. އެއީ އެމްޑީޕީގެ ސަރުކާރުން ކުރި ކަންތައްތައް. މިހާރު އެމީހުން އެ ބުނަނީ ވެރިކަން ހޯދީ ދޮގު ވާހަކަ ދައްކައިގެންނޭ. އުޅަނދުފަހަރާއެކު އިންޑިއާ ސިފައިން ރަސްމީކޮށް އެ ގެންނަނީ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދެން ރާއްޖޭގައި ވިއްކާނީ ވެސް އިންޑިއާ ތެޔޮ ކަމަށާއި އިންޑިއާގެ ބޮޑެތި ބައެއް ވިޔަފާރިތައް ރާއްޖެއިން ޖާގަ ހޯދާނެ ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް ރާއްޖެ ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
"ޑޮލަރު ނުލިބޭތީ ޑޮލަރު ނުލިބެނީ، ދެން ރުޕީސް އުޅޭނީ. ރުޕީސްގެ ރޭޓަށް އަންނަ ބަދަލުތަކެއް ހުރިހާ ކަމެއް އަޅުގަނޑުމެން ދެން ކުރާނީ. އާސަންދަ ހިންގާ މީހުން ބުނާނެ ދެން ތިމަންނަމެންނަށް ޑޮލަރު ނުލިބުނަސް ހެވޭ. ބާހަށް ދާ ދިވެހިން ވެސް ބުނާނެ ތިމަންނަމެންނަށް ހެވޭ. އެކަމަކު މެލޭޝިއާ، އެމެރިކާ، އިނގިރޭސިވިލާތަށް ކިޔަވަން ދާ ކުދިން އަދިވެސް ޑޮލަރު ހޯދާނެ. އަޅުގަނޑުމެން ތެޔޮ ވެސް ދެން ހޯދާނީ އިންޑިއާ އިން، އެހެންވީމާ ޑޮލަރެއް ބޭނުމެއް ނުވާނެ. އެކަމަކު ދާއިމީގޮތުން ދިގު މުއްދަތަކަށް އިގުތިސާދީގޮތުން ނުކުޅެދުންތެރިކަމުގެ ޕާތުގައި ހިނގަން ދިމާކޮށްގެން މިތިބީ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ވިޔަފާރިއެއް އިންޑިއާގެ އަތްމައްޗަށް ގޮސް، މިއަދު މިތިބި އަޅުވެތިކަމުގެ ތެރޭގައި ދިވެހީންނަށް ނޭވާލާނެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި ޔާމީން ވަނީ އިންޑިއާއާއެކު ހެދި އެއްބަސްވުންތައް އާންމުންނަށް ފެންނާނެ ގޮތަށް އާންމުކުރުމަށް ވެސް ސަރުކާރަށް ގޮވާލައްވައިފައެވެ.
އިންޑިއާ ސިފައިން ރަސްމީކޮށް ރާއްޖެ ގެންނަން އުޅޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރައްވާކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ މިދިޔަ ބުދަ ދުވަހު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެންމެ މުހިންމީ ގައުމުގެ މިނިވަންކަން ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ހާރިޖީ ގޮތުން ކުރިން ވެސް ކަންކަންދިޔަ ގޮތަށް ކަންކަން ދާނެ ކަމަށް ބައެއް މީހުންނަށް ހީވިޔަސް، އެއީ އެކަން އޮތް ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު