ކޮންމެ އިރެއްގައިވެސް ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅޭ ގޮތަށް ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އާ އުސޫލެއް ހަދައި އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް 2022 ވަނަ އަހަރު ހަދާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން އުމްރާއަށް މީހުން ގެންދިއުމަށް، ކޮންމެ އަހަރަކު ދެ ފަހަރު އިއުލާން ކުރަންޖެހެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އަލަށް ހެދި އުސޫލުގައިވާ ގޮތުން މިއަދުން ފެށިގެން ރާއްޖެއިން މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލެވުނީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެގޮތަށް އުސޫލު ބަދަލުކުރީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީ އާއި އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީ ކަމަށެވެ.
އަދި މީގެ ކުރިން ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެކި ތާރީހުތަކުގައިކަމުން އަހަރަކު ދެފަހަރު އިއުލާން ކުރާތީ ބައެއް ކުންފުނިތަކުގެ ހުއްދަ ހަމަވި ނަމަވެސް އިއުލާން ކުރަންދެން ހުއްދަ ނުނަގާ މަޑުކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ކުރިން ދެ ފަހަރު އިއުލާން ކުރާތީ ކުރު މުއްދަތުގެ ތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާއެކު މިހާރު ޕްރޮޕޯސަލް އަންނަ މިންވަރަކުން ބަލައި ހުއްދަ ދެމުން ގެންދެވޭނެ ކަމަށްވެސް ބުންޏެވެ.
އާ އުސޫލުގައިވާ ގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އާކުރަން ބޭނުންވާ ނަމަ، ހުއްދަ ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ހުއްދަ އާކުރުމަށް އެދި ފޯމެއް ހުށަހެޅޭނެއެވެ. އަދި ހުއްދަ އާކުރަން ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހޭނެއެވެ.
އާ އުސޫލުގައި ބޮޑެތި ޖޫރިމަނާގެ އަދަބުތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން މިނިސްޓްރީއާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ހިލާފުވެއްޖެ ނަމަ، 1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ.
އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލެއް ކޮށްފި ނަމަ 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އާ އުސޫލުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު