ރާއްޖެއާއެކު ގާތުން މަސައްކަތްކޮށް، ގުޅުން ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމަށް ޖަޕާންގެ އާ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ވިދާޅުވެއްޖެއެވެ.

ޖަޕާންގެ ބޮޑުވަޒީރުކަމަށް ޝިގެރޫ އިޝިބާ އައްޔަން ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ އެއްވަނަ ދުވަހު ވަނީ މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުވާފައެވެ. އެކްސްގައި ރައީސް މުއިއްޒު ވިދާޅުވީ، ބޮޑުވަޒީރު ޝިގެރޫގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަމަށެވެ.

ރައީސްގެ އެ ޕޯސްޓަށް ޖަވާބުދެއްވަމުން ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު ދަންނަވާ ކަމަށާއި ރާއްޖެއާ އެކުގައި ގާތުން މަސައްކަތްކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ޖަޕާނަކީ، ރާއްޖެއަށް އަބަދުވެސް އެހީތެރިވާ ގައުމެކެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދު ޑިޕޮލޮމެޓިކް ގުޅުން ގާއިމުކުރީ 15 ނޮބެމްބަރު 1967 ގައެވެ.