ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކޮށްފިއެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމަށްބުނެ ސޯޝަލް މީޑިއާގައި އިންޒާރުދީފައިވަނީ، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި މިދިޔަ މަހުގެ 26 ގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ދެއްކެވި ވާހަކަފުޅެއްގެ ފޭސްބުކް ލައިވްއެއްގެ ތެރެއިން ކުރި ކޮމެންޓެއްގައެވެ. އެ ކޮމެންޓު ކޮށްފައިވަނީ "އަބްލޯ މިޔާދް ޔޫސުފް"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ) ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުތަކުން ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށްބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލާނެ ކަމާއި އަދި އެނޫން ގޮތްގޮތުން ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ހަޑިހުތުރު ބަހުން އެކި ޕޯސްޓުކުރަމުން ގެންދިއުމާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދާ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެފައި މިރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.