އިންޑިއާއަށް ވަޑައިގެންނެވުމުން ދެންނެވި މަރުހަބާ އާއި މެހެމާންދާރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު ދަންނަވައިފިއެވެ.

އިންޑިއާ އިން ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެ ހާއްސަ ހަފުލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް ދުރޫޕަދީ މުރުމޫ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ އަދި ރާއްޖޭގެ ޑެލިގޭޓަށް ދެންނެވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ރައީސް ދުރޫޕަދީ މުރުމޫ އަދި ބޮޑުވަޒީރު މޯދީއަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ރައީސް ދުރޫޕަދީ މުރުމޫއާއެކު ވަރަށް އުފެއްދުންތެރި ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށެވެ.

"ތަރައްގީގެ އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ ރައްޔިތުންނާ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ކުރެވުނު ފުން މަޝްވަރާތަކާ މެދު ހިތްހަމަޖެހޭ. އިންޑިއާ އާއި ރާއްޖޭގެ ދިގު އަދި ތާރީހީ ގުޅުންތަކާއެކު ބިނާކުރެވުނު މަޝްވަރާތަކެއް ކުރެވުނު. އިގުތިސާދީ އަދި މެރިޓައިމް ޕާޓްނާޝިޕާއެކު ގުޅިގެން މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ރައީސް ވަނީ އަންނަ އަހަރު ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތެއް ވެސް އަރުވައިފައެވެ. އެއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕޮލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވާ ދައުވަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްވި އެ ދައުވަތު ބޮޑުވަޒީރު މޯދީ ވަނީ ގަބޫލުކުރައްވައިފައެވެ. ނަމަވެސް ރާއްޖެ ވަޑައިގަންނަވާ ވަކި ތާރީހެއް އަދި ނިންމައިފައެއް ނުވެއެވެ.

"ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ޑެލިގޭޓަށް ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައި. އަންނަ އަހަރު ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ވެސް ދައުވަތު ދެއްވި. ބޮޑުވަޒީރު ވަނީ އެ ދައުވަތު ގަބޫލުކުރައްވާފައި. އެ ދަތުރުފުޅު ކުރައްވާނެ ތާރީހެއް ޑިޕްލޮމެޓިކް މަޝްވަރާތަކުން ނިންމަވާނެ،" މޯދީ ދައުވަތު ގަބޫލުކުރެއްވިކަން އިއުލާންކުރައްވައި، ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ދަތުރު ވެގެންދާނީ ބޮޑުވަޒީރުކަމުގައި މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރުފުޅަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށް އަދި 2022 ގައި ފުރަމާނަ ދަތުރެއްގައިވެސް މޯދީ މާލެ ވަޑައިގެންނެވިއެވެ.