ޕާކިސްތާނުގެ ކަރާޗީގެ އެއާޕޯޓު ކައިރިން ދިން ޖާނުންފިދާއުވުމުގެ ހަމަލާއެއްގައި ޗައިނާ ދެ މީހަކު މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ވެރިރަށް ކަރާޗީގެ އެއާޕޯޓު ހިމެނޭ ސަރަހައްދުގައި ދިން އެހަމަލާގައި ދެ މީހަކު މަރުވެފައިވާއިރު 10 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އެހަމަލާގައި މަރުވެފައިވާ ޗައިނާގެ ދެ މީހުންގެ އިތުރުން އެހެން މީހެއްގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށާއި އެމީހާ އަދި ދެނެގަނެވިފައި ނުވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ނަމަވެސް އެމީހަކީ ޖާނުން ފިދާއުވެގެން އެހަމަލާ ދިން މީހާ ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީ އިން އެހަަމަލާ ސިފަކޮށްފައިވަނީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައެވެ. އަދި އެމްބަސީ އިން ވަނީ އެއީ ޗައިނާ އަށް ނިސްބަތްވާ އިންޖީނިއަރުންތަކަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށްފައެވެ.
ޗައިނާ އެމްބަސީގެ އޮފިޝަލުން ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ވަކިވެގަނެގެން އުޅޭ ބަލޮޗިސްތާނު ލިބަރޭޝަން އާމީ އިން މީގެ ކުރިން ވެސް ޗައިނާ މީހުންނަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެހަމަލާ ކުއްވެރިކުރައްވައިފައެވެ. އަދި ހަމަލާ ގެ ތަހުގީގެއް ކުރިޔަށް ގެންދިއުމަށް ބޮޑުވަޒީރު ވަނީ އަމުރުކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ