އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދިނުމަށް ސްޓެލްކޯ އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަން މިމަހުގެ ދެވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފައެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ޝައީދު ވަނީ އެ އިއުލާން ބާތިލުކުރުމަށް އަންގަވައިފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ އެގޮތަށް އެންގެވީ އިގުތިސާދީ ހާލަތު ހުރި ގޮތުން މިވަގުތު އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ޝަހީމްއާ ބައްދަލުކުރައްވައި، އެ މަސައްކަތަށް ޝައުގުވެރިވާކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދަންނަވާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާ، ސީއެސްއާރުގެ ދަށުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަގާފީ އަދި ދީނީ ބިންގާތައް ރައްކާތެރިކުރުމަށް ފުރުސަތުތައް ލިބުމަކީ ސްޓެލްކޯއަށް ލިބޭނެ ފަހުރެއް ކަމަށާއި އެގޮތުން އިސްލާމީ މަރުކަޒުގެ ކައިރީގައި ހަދާ މަސްފެންގަނޑަކީ ވެސް ތާރީހީ ތަނެއް ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ކައިރީގައި އޮންނަ މަސް ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު