އިންޑިއާގެ އެހީގައި ހއ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީ ކުރި އާ ރަންވޭ މިއަދު އިފުތިތާހުކޮށް، ހުޅުމާލޭގެ ދެވަނަ އިންޑިއާގެ އެހީގައި އިމާރާތްކުރި 700 ހައުސިން ޔުނިޓު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
އެކަން އިއުލާނު ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓުގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި 700 ހައުސިން ޔުނިޓަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ބަޔާސް ކްރެޑިޓް ސްކީމްގެ ދަށުން ހެދި ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އަދި އެ ހައުސިން ޔުނިޓްތަކުގެ ސަބަބުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެ ވެސް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެކެވެ.
އެ ރަންވޭ އެއްކޮށް ނިންމައި ބޭނުން ކުރަން ފެށުމުން އެ އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު