އިސްރާއީލުން ހަމަލާ ދީފިނަމަ ބަދަލުހިފުމަށް އިރާނުން ތައްޔާރުވެއްޖެއެވެ.

ނިމިދިޔަ ހަފުތާގައި އިރާނުން އިސްރާއީލަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އިސްރާއީލުން މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނާއިރު އިރާނުން ވަނީ އިސްރާއީލުން ހަމަލާއެއް ދީފިނަމަ ބަދަލުހިފުމަށް ވާން ޖެހޭ ތައްޔާރީތައް ވެ ނިމިފައިވާކަމަށް ބުނެފައެވެ.

އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާއެއް އަތުވެދާނެކަމަށް ތައްޔާރުވެ ރައްދުގައި ބަދަލު ދޭނެ ގޮތްވެސް އިރާނުގެ ސަލާމަތީ ބާރުތަކުން ވަނީ ނިންމައިފައެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިރާނުގެ އިސްލާމިކް ރިވެލިއުޝަނަރީ ގާޑުން ވަނީ 200 އަށްވުރެ ގިނަ މިސައިލު އިސްރާއީލުގެ މިލިޓަރީ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލާފައެވެ.

ހޮނިހިރު ދުވަހު އިރާނުގެ ފޮރިން މިނިސްޓަރު، އައްބާސް އަރަޗީ ވަނީ އިސްރާއީލުން އެ ގައުމަށް ހަމަލާ ދީފިނަމަ އިރާނުން ދޭ ހަމަލާ ވަރުގަދަވެފައި އޭގެން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިރާނަށް ހަމަލާއެއް ދީފާނެ ކަމުގެ ސިގުނަލްތައް ލިބިފައިވުމާއެކު އެ ގައުމުން ވަނީ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުވެސް ކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.