އަރަބި ބަހާރު ފެށުނު ގައުމަކީ ޓިއުނީޝިޔާއެވެ. އަރަބި ބަހާރޭ ކިޔަނީ މީގެ ގާތްގަޑަކަށް ސާދަ އަހަރު ކުރިން އަރަބި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ޚުދުމުޚުތާރު ވެރިންގެ ބާރު މުލުން ލުހެލައި އެގައުމުތަކަށް އިސްލާހީ ބަދަލުތައް ގެނައުމަށް ރައްޔިތުން މަގުތަކަށް ނުކުމެ ހިންގި ހަރަކާތްތަކަށެވެ. އަރަބި ބަހާރު ނުވަތަ ރަބީއެއްގެ ގޮތުގައި މިކަން ބަޔަކު ސިފަކުރީއެވެ. މިއީ އަރަބި ދުނިޔެއަށް އައި އާރޯކަމާއި ތާޒާކަމުގެ ފަތިހެއްކަމަށް ހީކުރީއެވެ. މި ބަހާރުގައި އެންމެ ފުރަތަމަ ޓިއުނީޝިޔާގެ ވެރިކަން 2011 ވަނަ އަހަރު ފުރޮޅައިލިއެވެ. ރައީސް ޒައިނަލް އާބިދީން ބިންއަލީގެ ވެރިކަން ނިމުމަކަށް ގެނެސް ގައުމުން ފައްސައިލިއެވެ. ޓިއުނީޝިއާއިން ދެން މި ބަހާރު ފެތުރިގަތީ މިސްރަށެވެ. ހަމައެއަހަރު މިސްރުގެ ރައީސް މުހައްމަދު ހުސްނީ މުބާރަކްގެ ވެރިކަން މަގުމަތިން ނިމުމަކަށް ގެނެސްފިއެވެ. ދެން މިބަހާރު ފޯރީ ލީބިޔާއަށެވެ. ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެސް އޭނާވެސް ހިފައި ހައްޔަރުކޮށް އަވަހާރަކޮށްލިއެވެ.

އެފްރިކާގެ އުތުރުބިތް ތަޅައިލުމަށްފަހު ދެން މިބަހާރު ދަތުރުކުރީ އޭޝިޔާގެ ހުޅަނގަށެވެ. ޔަމަނުގެ ވެރިކަމުން އަލީ އަބްދު ﷲ ސާލިހު ދުރުކޮށް ބޮޑުވެގެންވާ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް 2012 ވަނަ އަހަރު ޔަމަން ވައްޓައިލިއެވެ. އެއަށްފަހު ދެން ސީރިޔާއަށެވެ. ސީރިޔާގެ ވެރިކަމުން ރައީސް ބައްޝާރުލް އަސަދު ވައްޓައިނުލެވުނެއް ކަމަކު ދިގުދެމިގެންވީ ނުރައްކާތެރި ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ގަންބައިލިއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ސީރިޔާ އެވަނީ ވީރާނާވެ ނިމިފައެވެ. އެކަމަކު އަދިވެސް ވެރިކަމުގައި އެހުންނެވީ ބައްޝާރެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމަޔާ ހަމައިން އަރަބި ބަހާރު ވަނީ ހުއްޓިފައެވެ. އަލްޖީރިޔާ އާއި މޮރޮކޯ، ބަހުރައިނާއި ޖޯޑަން، އަދި ކުވައިތާއި އޮމާންވެސް މި ބަހާރުގައި ހިލިގަންނަން އުޅުނެވެ. ނުވަތަ ހިލުވައިލަން އުޅުނެވެ. އެކަމަކު ދުރާލައި އެގައުމުތަކުގެ ސަލާމަތީ ބާރުތަކުން ހިކުމަތްތެރިކަމާއެކު އެޅި ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން ސަލާމަތްވީއެވެ.

އަރަބި ޑިމޮކްރަސީގެ މިދެންނެވި ބަހާރު މޫސުމަށް އަލިވިލުނު އެއްވެސް ގައުމެެއްގައި މިހާރު ޑިމޮކްރަސީ އެބައޮތް ހެއްޔެވެ. ނެތެވެ. ހުސްނީ މުބާރަކްގެ ވެރިކަން ނިންމާލެވުނެއް ކަމަކު މިސްރުގައި މިހާރުވެސް އެހުންނެވީ ހަމައެފަދަ ވެރިޔެކެވެ. މިހާރު އޮތީ ޖެނެރަލް އަބްދުލް ފައްތާހު އައްސީސީގެ ވެރިކަމެވެ. ޑިމޮކްރަސީ ފައްކަލެއް ނުވިއެވެ. ޓިއުނީޝިޔާގައިވެސް އެ ހުންނެވީ ޑިމޮކްރަސީއަށް އެލާޖިކް ވެރިޔެކެވެ. ގައިސް ސައީދެވެ. އެހެންވީމާ ޓިއުނީޝިޔާއަކަށްވެސް ޑިމޮކްރަސީގެ ހަގީގީ ފޮނިކަމެއް ނުލިބުނެވެ. ލިބޭނޭކަމުގެ އުންމީދެއްވެސް ނެތެވެ. ލީބިޔާ އާއި ޔަމަނާއި ސީރިޔާގައި އަދިވެސް އަނދަމުން އެދަނީ ދާޚިލީ ހަނގުރާމައިގެ އަލިފާނެވެ. އެ ތިން ގައުމުވެސް އެވަނީ ތިރީސް، ސާޅީސް އަހަރުގެ ބުރަ މަސައްކަތުން ނޫނީ ދެން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވީރާނާވެ ހަފުސްވެފައެވެ. މިކަންކަން މިހެން އޮތީމާ އަރަބި ބަހާރެކޭ، ނުވަތަ އަރަބީންގެ ޑިމޮކްރަސީގެ ރަބީއެކޭ ކިޔަން ޖާގައެއް ނެތެވެ. އަރަބި ދުނިޔެއަށް އައީ ހަލާކާއި މުސީބާތުގެ މޫސުމެކެވެ. އެރީ ޒަލްޒަލާއެކެވެ.

ކުރިންވެސް ބަޔާންކުރެވުނު ފަދައިން މި ޒަލްޒަލާ އެންމެފުރަތަމަ ހިލިގަތް ގައުމަކީ ޓިއުނީޝިޔާއެވެ. މި މުސީބާތާއި ހަލާކަށް ދޮރުހުޅުވިގެންދިޔަ ގައުމަކީ ޓިއުނީޝިޔާއެވެ. މިލިޔުމުގެ މަގްސަދަކީ ޓިއުނީޝިޔާގައި މިހާރު ޑިމޮކްރަސީގެ ކަންކަންއޮތް ހާލަތުގެ ޚުލާސާއެއް ގެނެސްދިނުމެވެ. އަރަބި ދުނިޔެއަށް ޑިމޮކްރަސީ ދަސްކޮށްދިނީ ޓިއުނީޝިޔާއިން ކަމަށް ބަޔަކު ގަބޫލުކުރާތީއެވެ. ޓިއުނީޝިޔާގެ ވެރިކަމުގައި މިހާރު އެހުންނެވީ ގައިސް ސައީދެވެ. ރައީސްކަން ކުރައްވަމުން ގެންދަވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު ތޭވީހުން ފެށިގެންނެވެ. އޭނާ ވެރިކަން ކުރައްވަމުން ގެންދަވަނީ ޕާލަމެންޓްވެސް އުވާލައްވައި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެންނެވެ. ގާނޫނުތަކަށްވުރެ ބާރުގަދައީ އޭނާ ނެރުއްވާ ރިޔާސީ ގަރާރުތަކެވެ. ގައިސް ސައީދުގެ ވެރިކަމުގެ ފުރަތަމަ ދައުރު ދާދިއަވަހަށް ނިމޭތީ ދެވަނަ ދައުރެއް ހޯއްދެވުމަށްޓަކައި މިމަހު ހަވަނަ ދުވަހު ރިޔާސީ އިންތިޚާބެއް އެބަ ބާއްވައެވެ. ވޯޓުލާނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުއެވެ.

ޓިއުނީޝިއާގެ ރިޔާސީ އިންތިޚާބުގައި ރައީސް ގައިސް ސައީދާއި ވާދަކުރެއްވުމަށް ޖުމްލަ ސޯޅަ ކެންޑިޑޭޓަކު އެތާގެ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުއްވިއެވެ. އޭގެތެރެއިން ސާދަބޭފުޅުންގެ ޝަރުތު ހަމަނުވާކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެބޭފުޅުންގެ ކެންޑިޑެސީ ބާތިލްކޮށްފައެވެ. އެހެންވީމާ ރައީސް ސައީދާއި ވާދަކުރައްވަން މިހާރު ތިއްބެވީ އެންމެ ދެބޭފުޅުންނެވެ. އެ ދެބޭފުޅުންނާ ދޭތެރޭ އެކި ގޮތްގޮތަށް މިހާރު އަމަލުކުރަމުންދަނީ ޝަރުއީ ކޯޓުތަކުންނެވެ. ވޯޓުލާ ދުވަސް އަންނައިރު ގަބޫލުކުރެވޭ ގޮތުން ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާނީ ރައީސް ސައީދު އެކަންޏެވެ. އޭނާއަށް ބިރެއްގެ ގޮތުގައި ފެންނަ ކެންޑިޑޭޓަކީ އަޔާޝީ ޒަމާލެވެ. އެއީ ޕާލަމެންޓުގެ ކުރީގެ މެންބަރެކެވެ. ޓިއުނީޝިއާގެ ކޯޓަކުން މިހަފުތާގައި ވަނީ އޭނާއަށް ބާރަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެހުންނެވީ ގައިދީއެއްގެ ގޮތުގައި ޖަލުގައެވެ.

އަޔާޝީ ޒަމާލްގެ މައްޗަށް ހުކުމްއައީ ބަރިބަރިއަށެވެ. އޭނާގެ މައްޗަށް ތިން ކުށެއް ސާބިތުވާ ކަމަށް ނިންމައިފައެވެ. އެއީ ހައްތާވެސް އޭނާގެ ކެންޑިޑެސީއާ ގުޅޭ މައްސަލަތަކެވެ. ޓިއުނީޝިއާގައި މިހާރު އަމަލުކުރެވެމުންދާ އުސޫލުގެ ދަށުން ރިޔާސީ އިންތިޚާބެއްގައި ވާދަކުރެވޭނީ އާއްމުންގެ ތެރެއިން މަދުވެގެން ދިހަހާސް މީހުންގެ ސޮއި ހޯދައިގެންނެވެ. ލިބިގެންނެވެ. މިއަދަދަށް އަޔާޝީ ވަނީ ސޮއި ހޯއްދަވައިފައެވެ. ދެންމިވީ ގޮތަކީ އަޔާޝީއަށް ސޮއިދިން ވަރަށް ގިނަ މީހުންނަށް ސަރުކާރުން ބިރުދައްކައި އަދި ބައެއް މީހުންނަށް ރިޝްވަތުވެސް ދީގެން އެމީހުންގެ ސޮޔަކީ އަސްލު ސޮޔެއް ނޫންކަމަށާއި ވަގުސޮއިކަމަށް ނިންމައި މައްސަލައެއް އުފެއްދީއެވެ. އަޔާޝީ ކުށްވެރިވާ ކަމަށް ނިންމީ މިޒާތުގެ މައްސަލަތަކުގައެވެ. ކޮންމެއަކަސް އާ ދައުރެެއް ޔަގީން ކުރެއްވުމަށްޓަކައި ރައީސް ސައީދުގެ އަމަލުތައް ހުރީ މިފަދައިންނެވެ. އަރަބި ރަބީއު އުފަންކުރުވި ގައުމުގެ ރައްޔިތުންނަށް އާޚިރުގައި ޑިމޮކްރަސީގެ ނަމުގައި މިލިބެނީ މުޅިންވެސް ކޮޅުކެއްސެވެ.