ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހިމެނޭ ހެކިން ރައްކާތެރި ކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފިއެވެ.

މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދިނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ޝަމީމުގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. މިހާދިސާއާ ގުޅިގެން ލިބުނު އަނިޔާގައި އަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން ޝަމީމް ފަރުވާ ހޯއްދެއްވިއެވެ.

އެމައްސަލައާ ގުޅިގެން ހަތް މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރިއެވެ.

  • ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް
  • ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން
  • ދަފްތަރު ނަންބަރު ދރ 2247، އަހްމަދު މައިސާން ހާޝިމް
  • ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް
  • ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން
  • ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު
  • އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރު

އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ.

މި އަދުގެ އަޑުއެހުމުގައި އެ މައްސަަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވަނީ ދައުވާ ލިބޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތައް ކިއުއްވައި ދެއްވައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދުނީވެސް ދައުލަތުންނެވެ. އެއީ މި މައްސަލައާ ގުޅޭ އިންޓެލިޖެންސް ރިޕޯޓަކާއި ތަހުގީގު ކުރާ ފަރާތުގެ ބަޔާނާއި ބޭންކް ސްޓޭޓްމަންޓުތަކެއް ހިމެނޭތީއެވެ.

ދިފާއަށް އެ ރިޕޯޓުތައް ބެލޭނެ ގޮތް ހަދަންވެސް ދައުލަތުން އެދުނީ، އޭގައި ހިމެނޭ ތަހުގީގަށް އަސަރު ކުރާނެ ފަދަ އަދި ތަހުގީގު ހިންގާ ގޮތުގެ ހައްސާސް މައުލޫމާތުތައް އުނިކުރުމަށްފަހުއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދިފައިވާ ގޮތުގެމަތިން، ގާޒީ ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވައިފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ދައުވާތައް ސާފުކޮށްދިނުމާއި ދައުވާތަކަށް ޖަވާބުދާރީވުމެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ، އިތުރު ބަޔަކާ އެކު، ޝަމީމަށް ހަމަލާދިނުމަށް ރާވައި މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޝަމީމު ހުއްޓައި، ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، އޭނާއާ މެދު މާރާމާރީ ހިންގައި، އޭނާގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއެވެ.

ޖަޒްލާންގެ މައްޗަށް ދައުވާކުރީ، ޝަމީމަށް ހަމަލާދޭން ރޭވުމާއި ޝަމީމް ހުރިތަނަށް ސައިކަލުގައި މިދުހަތު ގެންގޮސް، ޝަމީމަށް ހަމަލާ ދިނުމުން މިދުހަތު ގޮވައިގެން ސައިކަލުގައި އެތަނުން ދިއުމުގެ މައްސަލައިގައެވެ.

މައިސާން ހާޝިމްގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދޭން ރާވައި ޝަމީމަށް ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ.

މީގެ އިތުރުން އިތުރުން ރަޖުވާން އާއި ޝަމާލް އާއި އަބާން އާއި ޒަޔާނަށް ދައުވާކޮށްފައި ވަނީ، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކޮށްފައިވާ އެހެން މީހުންނާ އެކު ޝަމީމު ހުރި ސަރަހައްދަށް ގޮސް ޝަމީމަށް ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ.