ހުޅުމާލޭގައި ހަދަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް އަނބުރާ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމެއް ހަމަ އެ ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ ކޭޕާކް ރެސިޑެންޓްގެ ނުވަވަނަ ބުރީގައި ހެދުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓް ގަތުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެކު 12 އޯގަސްޓް 2021 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ހަންބޯ އިން ހިލާފުވެ، އެޕާޓްމަންޓް ނިންމައި ހަވާލުކުރާނެ ކަމަށް ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ހިނގާ ދިޔައިރުވެސް އެ އެޕާޓްމަންޓް ހަވާލުކޮށްފައިނުވާތީ، އެކަމަށްޓަކައި ހެދި އެއްބަސްވުން ބާތިލުކޮށް އެ އެޕާޓްމަންޓް ގަތުމަށް ދައްކާފައިވާ 2.1 މިލިއަން ރުފިޔާއާއި 20،000 ޔޫއެސް ޑޮލަރު ހޯދުމަށާއި މި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން ގާނޫނީ ފީގެ ގޮތުގައި ގާނޫނީ މަސައްކަތަށް ހަރަދު ކޮށްފައިވާ 75،000 ރުފިޔާ ހޯދުމަށް އައްޑޫ ސިޓީ ހިތަދޫ، ނަސީމީ މަންޒިލް/ ރަފީއުއްދީން ނަސީމު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި 31 ސޮވެމްބަރު 2023 ގައި އެ ކޯޓުން ހުކުމްކުރީ 2.9 މިލިއަން ރުފިޔާއާއި 20،000 ޑޮލަރު ހަންބޯ އިން ރަފީއުއްދީނަށް ދައްކަންޖެހޭނެ ކަމަށެވެ. އެ ފައިސާ 24 ޑިސެމްބަރު 2023ގެ ނިޔަލަށް ރަފީއުއްދީނަށް ލިބި ދިނުމުގެ ގޮތުން ސިވިލް ކޯޓަށް ދެއްކުމަށްވެސް ހުކުމްކުރިއެވެ. އެ ހުކުމް ކޮށްފައިވަނީ ހަންބޯގެ ގައިރު ހާޒިރުގައެވެ.
ނަމަވެސް މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އެ ކުންފުނީގެ ގައިރު ހާޒިރުގައި ކަމަށް ބުނެ އެ ހުކުމް ބާތިލުކުރަން އެދި ހަންބޯ ކުންފުނިން މިދިޔަ ޖޫންމަހުގެ ތިންވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅިއެވެ. ހުކުމް ބާތިލުކުރުމަށް އެދި އިތުރު ނުކުތާތަކެއްވެސް ހަންބޯ އިން ކޯޓަށް ހުށަހެޅިއެވެ.
އޭގެ ތެރޭގައި ހިމެނޭ ފުރަތަމަ ނުކުތާއަކީ އެ ކުންފުނީގެ ނަމުގައި ފޯޖުކޮށްގެން ހަދާފައިވާ ލިޔެކިއުންތަކެއް ބޭނުންކޮށްގެން އެޕާޓްމަންޓް ވިއްކި މައްސަލަ، ފްރޯޑް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން ގެންދިއުމެވެ. އޭގެ އިތުރުން ފަސް ނުކުތާއެއް ޝަރީއަތުގައި އެ ފަރާތުން ފާހަގަކުރިއެވެ.
ފްލެޓް ގަތުމަށް ވެފައިވާ ކަމަށް ރަފީއުއްދީންގެ ފަރާތުން ބުނެފައިވާ އެއްބަސްވުމަކީ ހަންބޯ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ފްލެޓް ވިއްކި މައްސަލައިގައި ތަހުގީގު ކުރަމުން އަންނަ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި އޭނާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ ފައިސާ ބޭނުންކޮށްފައިވަނީވެސް އޭނާ ކަމަށް ފުލުހުންގެ ތަހުގީގުން ހަމާވެފައިވާ ކަމަށްވެސް ބުނެފަިއވެއެވެ.
މީގެ އިތުރުން ރަފީއުއްދީން ނަސީމް އެ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ލިޔެކިއުންތަކާ އެހެން ފަރާތަކުން ހަވާލުވުމުގެ ސަބަބުން، އެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ކުންފުނީގެ އިސްވެރިންނަށް ނުލިބުނު ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި ހަންބޯ ކުންފުންޏާ ދެކޮޅަށް ދައުވާކުރި ކަމުގެ މައުލޫމާތު ލިބުމާއެކު ޖަވާބުދާރީވުމުގެ ފުރުސަތަށް، އެ ކުންފުނީގެ ވަކީލުން އެދުނު ނަމަވެސް ލިޔެކިޔުންތަކާ އެހެން ފަރާތަކުން ހަވާލުވެފައިވާކަން ފާހަގަކޮށް އެ ފުރުސަތު ނުދިން ކަމަށްވެސް ހަންބޯ ކުންފުނިން ޝަރީއަތުގައި ނުކުތާއެއްގެ ގޮތުގައި ފާހަގަކުރިއެވެ.
އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުގެ ފަނޑިޔާރު އާދަމް ޒާލިފް އިއްޔެ ކުރެއްވި ހުކުމުގައި ވަނީ، ހަންބޯ ކުންފުނިން 2.9 މިލިއަން ރުފިޔާއާއި 20،000 ޑޮލަރު ރަފީއުއްދީނަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި ހަންބީޯ ކުންފުނީގެ މައްްޗަށް ގައިރު ހާޒިރުގައި އެ ކޯޓުން ކުރި ހުކުމާއި ދައުވާ ފޯމު ބާތިލުކޮށް ގަޒިއްޔާ ނިންމާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު