މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދަންޖެހިގެން މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އިއްޔެ މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެމީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މާފުށީ ޖަލުގައި ދަންޖެހިގެން މަރުވެފައިވަނީ ގ. އެއްތެޔޮމާގޭ އަބްދުލް ގަނީ އިސްމާއީލް (62އ.) އެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އަބްދުލް ގަނީ ދަންޖެހިފައި ހުއްޓައި ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:52 ގައެވެ. އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅައިފައެވެ.

އޭނާ މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގައި އެކަން ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.