އީރާނުން އިޒްރޭލަށް ވައިގެ މަގުން ރޭ ދިން ހަމަލާތަކުގެ ބަދަލު އެ ގައުމުން ހިފައިފިނަމަ، ރައްދުގައި އެ އަށް ވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ވަނީ 250 މިސައިލު އިޒްރޭލަށް ފޮނުވާލައިފައެވެ. އެ ހަމަލާތަކުގައި ފޮނުވާލި މިސައިލުތައް އިޒްރޭލުގެ ޑިފެންސް ޑޯމް ތަކުން ގޮއްވާލަމުން ދިޔަ ނަމަވެސް، ބައެއް މިސައިލުތައް އޭގެ އަމާޒަށް ވާސިލްވެފައިވެއެވެ.
އީރާނުން ދިން ހަމަލާއާ ގުޅިގެން، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، އިޒްރޭލަށް ހަމަލާދީ، އީރާހުން ހެދީ ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިޒްރޭލަށް ހަމަލާދޭ ކޮންމެ ގައުމަކަށް ހަމަލާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކަމާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރައްޗީ ވިދާޅުވީ، އިޒްރޭލުން ބަދަލު ހިފައިފިނަމަ، އޭގެ ރައްދުގައި އިތުރަށް ވަރުގަދަ ހަމަލާތަކެއް އެ ގައުމަށް ދޭނެ ކަމަށެވެ.
އިރާނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ބަދަލު ހިފަން ހަމަލާ ދީފި ނަމަ، އެގައުމު "ފުނޑުފުނޑު" ކޮށްލާނެ ކަމަށެވެ.
އީރާނުން ރޭ ދިން ހަމަލާ އަކީ، ގާޒާ އާއި ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތަކާއި ހަމާސް އާއި، ހިޒްބުއްލޯ އަދި އީރާނުގެ ރިވޮލިއުޝަނަރީ ގްރޫޕުގެ އިސް ކޮމާންޑަރުން އިޒްރޭލުން އަވަހާރަ ކޮށްލާފައި ވާތީ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށް އެ ގައުމުގެ ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ރޭގެ ހަމަލާ އާ ގުޅިގެން އީރާނުން އިތުރަށް ބުނެފައި ވަނީ، އީރާނުގައި އުފެއްދި ފަތަހް ބެލެސްޓިކް މިސައިލް ރޭ ފުރަތަ ފަހަރަށް ބޭނުން ކުރި ކަމަށެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު