ސްރީ ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލުމުގެ މަސައްކަތް އެ ގައުމުގެ އާ ސަރުކާރުން ފަށައިފިއެވެ.

ލަންކާގެ ކުރީގެ ރައީސުންނަށް ލިބޭ އިނާޔާތްތަކާއި ޕެންޝަން ކަނޑާލުމަކީ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ މަސައްކަތް ފެށި ނަމަވެސް އެކަން ކުރެވެން އޮތީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ.

ލަންކާގެ ގާނޫން ހަދާ މަޖިލީހުން 1986 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ރައީސްކަން ކޮށްފައިވާ ކޮންމެ މީހަކަށް އުމުރު ދުވަހަށް ސަރުކާރުން ހިލޭ ގެދޮރު ދޭންޖެހެއެވެ. ގެދޮރު ނުދެވޭ ހާލަތްތަކުގައި އެއާއި އެއްވަރުގެ އެލަވެންސެން ކޮންމެ މަހަކު ދޭންޖެހެއެވެ. އޭގެ އިތުރުން އިނާޔާތްތައް ގާނުނުގައި ހިމަނާފައިވެއެވެ.

ލަންކާގެ އާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ރައީސް އަނޫރާގެ އިންތިހާބީ ވައުދާ އެއްގޮތަށް އިނާޔާތްތަށް ކަނޑާލުމަށް ސަރުކާރުން އެ ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން މިއަދު އޮންނަ ކެބިނެޓް ބައްދަލުވުމުގައި އެކަމުގެ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.