ނޭޕާލުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 148 މީހުން މަރުވެއްޖެއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއާއި ކައިރި އަވަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގައިފައެވެ. އެ ހާދިސާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނައިރު، 50 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ވިއްސާރައިގެ ސަބަބުން އެތައް ސަތޭކަ ގެދޮރެއް ހަލާކުވެ، މިހާތަނަށް 3،600 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ.

ނޭޕާލްއަށް ކުރަމުން އަންނަ ވިއްސާރަ އާދިއްތަ ދުވަހުން ފެށިގެން އަލިވާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.