ކުޑަ ގައުމަކަށް ވިޔަސް، ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތު ކޮށްދެއްވައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އދ. ގައި ރައީސް ދެއްވި ތަގުރީރުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ގާސިމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އދ. ގެ އާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ބައިވެރިވެވަޑައިގެން ރާއްޖެ ތަމުސީލު ކުރައްވައި ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން މުނާސަބު ގޮތެއްގައި އަޑުއުފުއްލަވާފައިވާ ކަމަށެވެ.

"‏ނަމަވެސް ޝައްކެއްނެތް ގޮތުގައި، މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަހުރުވެރި މިނިވަން ދިދަ އދ. ގެ އިދާރާގައި ވިހުރެން ފެށި ފަހުން، މި ގައުމުގެ ވެރިޔަކު އދ. ގައި ދިވެހި ގައުމު ތަމުސީލު ކުރުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމު ތަމުސީލު ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ރައީސް ޑރ މުއިއްޒު ސާބިތު ކަމާއެކު ދައްކުވައިދެއްވާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދުދެއްވައި ގާސިމު ވިދާޅުވީ މިހާރުގެ ސަރުކާރާ އިދިކޮޅު ބޭފުޅުން އަދި ހާއްސަކޮށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގަތް ނަމަވެސް، އދ. ގައި ރާއްޖެ ތަމުސީލު ކުރައްވަން ކެރިވަޑައިނުގެންނެވި ބޭފުޅަކަށް ރައީސް މުއިއްޒުގެ ތަގުރީރު އޮޅުންފިލާވަޑައި ނުގަތަސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވައި ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެ އާއި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވަނީ ނުހަނު މަތީ ތަރުހީބަކާއެކު ކަމަށްވެސް ވިދާޅުވިއެވެ.

"2040 ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށްޓަކައި އެ މަނިކުފާނު ކުރައްވާ ތަސައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވައި މި ދިވެހިފަސްގަނޑާއި ރައްޔިތުންނާމެދު ތިޔަ ދައްކުވައި ދިން ފަހުރުވެރި ނަމޫނާއަށްޓަކައި، މަނިކުފާނަށް އަދިވެސް އެއްފަހަރު ހިތުގެ އިހުލާސްތެރި ތަހުނިޔާއާއި ޝުކުރު އަދާކުރަމެވެ،" ގާސިމު ވިދާޅުވިއެވެ.