މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދަންޖެހިގެން މަރުވި މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ އެމީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެ އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

މަރުވެފައިވަނީ ގ. އެއްތެޔޮމާގޭ އަބްދުލް ގަނީ އިސްމާއީލް (62އ.) އެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އަބްދުލް ގަނީ ދަންޖެހިފައި ހުއްޓައި ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:52 ގައެވެ. އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅައިފައެވެ.

އޭނާ މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގައި އެކަން ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.