ލުބުނާނުގައި ގޮއްވާލި ޕޭޖަރުތައް ވިއްކި މީހާ ހޯދަން ނޯވޭއިން މަސައްކަތް ފަށައިފިއެވެ.

ނޯވޭގެ ފުލުހުން ވަނީ އެ ގައުމަށް ނިސްބަތްވާ އިންޑިއާ މީހަކު ހޯދުމަށް ބައިނަލްއަގުވާމީ ސާޗް ވޮރެންޓެއް ނެރެފައެވެ.

ރިންސަން ޖޯސެ ނަމަކަށް ކިޔާ އުމުރުން 39 އަހަރުގެ އެމީހާ ހޯދަން ނޯވޭގެ ފުލުހުން އިއުލާން ކޮށްފައިވާއިރު މިދިޔަ ހަފުތާގައި އެމީހާ އެމެރިކާއަށް އެތެރެވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ރިންސަން އަކީ ލުބުނާނުގައި ގޮއްވާލާފައިވާ ޕޭޖަރުތައް ސަޕްލައި ކުރުމުގައި މެދުވެރިވެފައިވާ ބަލްގޭރިއާ އަށް ނިސްބަތްވާ ކުންފުނީގެ ފައުންޑަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގައި މިމަހުގެ މެދުތެރޭގައި ޕޭޖަރުތައް ގޮއްވާލި ހާދިސާގައި 12 މީހުން މަރުވެ 3000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ޕޭޖަރުތައް ގޮވި ދުވަހާ ޖެހިގެން އައި ދުވަހު އެ ގައުމުގައި ބޭނުންކުރަމުންދިޔަ ވޯކީޓޯކީތަކެއް ވެސް ވަނީ ގޮވައި 20 މީހުން މަރުވެ 450 މީހުންނަށް އެކިވަރުގެ އަނީޔާވެފައެވެ.