ހުޅަނގު އައްސޭރިއާއި ގާޒާގައި ހިންގަމުންދާ ކަންތައްތަކުގެ ޒިންމާ މުޅިދުނިޔެއިން ނަގަންޖެހޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އދގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މަހްމޫދު އައްބާސް ވިދާޅުވީ ގާޒާގެ ހާލަތު ގޯސްކަމަށާއި މިހާރު ގާޒާ އަކީ ކޮންތަނެއްކަމެއް ނޭނގޭ ވަރަށް ހަލާކުކޮށްފައިވާ ތަނެއް ކަމަށް ވިދާޅުވިއެވެ. އައްބާސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ގާޒާގެ 75 އިންސައްތަ ވަނީ ފުނޑުފުނޑުކޮށްލާފައި ކަމަށް މަހްމޫދު އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ އދ ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާފައިވާ މައްސަަލަތަކުގެ ތެރެއިން އިސްރާއީލާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކަށް އެމެރިކާއިން ވީޓޯ ކުރުމުގެ ބާރު ބޭނުންކުރުން ކުށްވެރިކުރައްވާފައެވެ. އަދި އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީގެން ފަލަސްތީނުގެ އާންމުން މަރަމުން ދިއުންވެސް މަހްމޫދު ވަނީ ކުށްވެރިކުރައްވާފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅުދައްކަވާފައިވާއިރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދުގެ ވަގުތެއްގައި ވާހަކަފުޅުދެއްކުމަށް ހަމަޖެހިފައިވެއެވެ.