ކުޑަކުދިންގެ ފިލްމު، "ރޮބޮމޭން - ދަ މޫވީ" އޮލިމްޕަހުގެ ސްކްރީނުގައި އިއްޔެ މިވަނީ އަޅުވައިފައެވެ. ފިލްމުގެ ޕްރިމިއާ އަށް ފިލްމީ ތަރިންނާއި ފިލްމުގައި ފެނިގެންދާ ކުދިން ބައިވެރިވި އިރު، ޒަމާންތަކަކަށްފަހު މުޅި އޮލިމްޕަހަށް ދިރުން ގެނުވިއެވެ. މެންދުރު ވެހެމުންދިޔަ ވާރޭގައިވެސް އޮލިމްޕަހުން ފެނުނީ މަޖާ މާހައުލެކެވެ. އުފަލުން ނަށަމުންދިޔަ ކުދިންތަކެކެވެ. ޕްރިމިއާ އިތުރަށް ހާއްސަވީ ރެޑްކާޕެޓުން އެންމެންގެ ރޮބޯމޭންވެސް ފެނިގެން ދިއުމުންނެވެ.

އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިިގެން އުފެއްދި އެ ފިލްމު ޑައިރެކްޓް ކުރީ ތިއޭޓާ ޕްލޭތަކުގައި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު މުންތަސިރު (މުންކޮ) އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި) އެވެ. އެ ފިލްމުގެ ސްްރީން ޕްލޭ ލިޔެފައިވަނީ ކާމިޔާބު އެތައް ފިލްމުތަކާއި ވެބް ސީރީޒްތަކެއްގެ ސްކްރީންް ރައިޓާ މަހުދީ އަހުމަދެވެ.

އޯކޭޒް އިންކް އިން އެ ފިލްމު އިއުލާން ކުރީ ކުޑަކުދިންގެ ދުވަހާ ދިމާކޮށެވެ. އެގޮތުން ޖޫން މަހު އެ ފިލްމަށް ބޮޑު އޮޑިޝަނެއް ބޭއްވުމަށްފަހު، 100 އަށްވުރެ ގިނަ ކުދިން ބައިވެރިވެ، އެ ކުދިންގެ ހުނަރު ފިލްމުގެ ޓީމަށް ދައްކާލިއެވެ. އޭގެ ތެރެއިން ފިލްމުން ޖާގަ ލިބުނީ ލީޑު ރޯލުން ފެންނަ އަށް އަހަރުގެ އަމީލިއާ ނަސްރުﷲ އަދި 10 އަހަރުގެ މިޝާ އިސްމާއިލް ނިޔާޒަށެވެ.

ދެން އޮތީ ފިލްމުގެ ވާހަކައެވެ. ހިޔާލީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ "ރޮބޯމޭން - ދަ މޫވީ" ގައި ފެނިގެންދަނީ ނެށުމަށް ޝައުގު ހުންނަ ގާތް ދެ އެކުވެރިންނެވެ. އެ ދެ ކުދިންގެ މެދުގައި އޮންނަ ގާތްގުޅުމާއި އެކުވެރިކަމާއި އަޅާލުމެވެ. ފިލްމުގައި އެ ދެ ކުދިންނަކީ ކަޒިންސްއެވެ. އަދި ބެސްޓްފްރެންޑްވެސް މެއެވެ.

އޭގެ ތެރެއިން އަމީލިއާއަކީ މަންމަ ނެތް ކުއްޖެކެވެ. އަމީލިއާގެ ހުރިހާ ކަމެއް ވެސް މިޝާގެ މައިންބަފައިން ބަލަހައްޓާ އިރު، ފިލްމުގައި މިޝާގެ މައިންބަފައިން ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުން ފިލްމުގައި މަންމަ ނެތް ކުއްޖެއްގެ ވޭނާއި އެ ކުއްޖާ މަންމަގެ ލޯތްބަށް ބޭނުންވެފައިވާ މިންވަރު ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.

މި ފިލްމުގައި ރޮބޭމޭން ވެސް ފެނިގެންދާ އިރު، ލީޑު ރޯލު ކުޅޭ ދެ ކުދިން ބައިވެރިވާ ނެށުމުގެ މުބާރާތެއްގައި އެ ދެ ކުދިން ކުރާ މަސައްކަތާއި ކެމިސްޓްރީ އާއި ގާތްގުޅުން ފެނިގެންދެއެވެ. އަދި ފިލްމުގައި "ޓައިމްޓްރެވެލް" ކުރުމަށްފަހު، ނެށުމުގެ މުބާރާތުގައި ބައިވެރިވި ކުދިންގެ ފުރާނަ ސަލާމަތްކުރަން ރޮބޯމޭން އަންނަތަން ފެންނަ މަންޒަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިމަނާފައިވާ މޮޅު މަންޒަރުތަކެކެވެ.

ނުވަދިހަ މިނެޓުގެ މި ފިލްމުގައި މުޖުތަމައަށް ވަރަށް ފުރިހަމަ މެސެޖުތަކެއްވެސް ދެއެވެ. އެގޮތުން އާއިލީ ގުޅުންތަކުގެ މުހިންމު ކަމާއި މަންމަ ނެތް ކުއްޖަކަށް އާއިލާގެ ލޯތްބާއި އަޅާލުން ބޭނުންވާ މިންވަރު އިހުސާސްކޮށްދީ ބުނެދެއެވެ. މި ފިލްމުގެ ސަޅިކަމާ އެއްވަރަށް ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ދެ ކުދިންގެ އެކްޓުކުރުމުގެ ހުނަރަށް ތައުރީފު ހައްގެވެ. ދެ ކުދިންގެ އެކްސްޕްރެޝަނާއި ކެރެކްޓާ ޕޯޓްރޭޓް ކޮށްދިނުމަށް ދައްކާފައިވަނީ މޮޅު އެކްޓިންއެކެވެ. މުޅިން އަލަށް ކުޅެފައިވާ ފިލްމެއްހެން ހީވެސް ނުވެއެވެ. އެހާވެސް މޮޅެވެ.

ކޮންމެއަކަސް "ރޮބޯމޭން - ދަ މޫވީ" އަކީ މި ފަހުން އުފެއްދި އެންމެ ކްރިއޭޓިވް ފިލްމެވެ. ހުރިހާ ކަމެއް ފުރިހަމަ، ފޫހިނުވެ ބަލާލެވުނު މޮޅު ފިލްމެކެވެ. މި ޗުއްޓީގައި އާއިލާ އާއެކު ބަލަން ދާން މިއީ އެއްވަނައިގެ ފިލްމެކެވެ.