އާބާދީގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ކޮބައިބާވަައެވެ. އެއީ ޔޫރަޕުގެ ގައުމެކެވެ. އެ ގައުމުގެ ކޮންމެ ރައްޔިތަކަށް އަހަރަކު ހަތަރު ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންވީމާ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ގައުމަކީ އެއީއެވެ. ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. އެއީ ގްރީސްއެވެ. ނުވަތަ ސްޕޭނެވެ. ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު ޔޫރަޕުގެ ދެ ގައުމަކީ އެއީކަމަށް ވުމުންނެވެ. އެކަމަކު އެއިން ގައުމެއް ނޫނެވެ.
ގައުމުގެ އާބާދީއަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ އަހަރަކު ޒިޔާރަތްކުރާ ގައުމުތައް ދުނިޔޭގެ ކަންކޮޅުތަކުގައިވެއެވެ. ދިވެހިރާއްޖެވެސް ހިމެނެނީ އޭގެތެރޭގައެވެ. އާބާދީގެ ކޮންމެ ބޮލަކަށް އަހަރަކު ހަތަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދި ފަތުރުވެރިން ތޮއްޖެހިފައިވާ ޔޫރަޕުގެ ގައުމަކީ އޮސްޓްރިޔާއެވެ. އެއީ ޔޫރަޕުގެ މެދުގައިވާ ގައުމެކެވެ. ވަށައިގެން ބެދިފައިވާ ގައުމެކެވެ. ކަނޑުގެ އައްސޭރިއެއް ލިބިގެންނުވާ ގައުމެކެވެ.
ދާދިފަހުން ކުރެވުނު ސާރވޭއަކުން ދެއްކި ގޮތުގައި އޮސްޓްރިޔާއަށް ކޮންމެ އަހަރަކުވެސް ގާތްގަޑަކަށް 33 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އެ ގައުމުގެ އާބާދީއަކީ 8 މިލިޔަނެވެ. އެހެންވީމާ އާބާދީގެ ނިސްބަތުން ބޮލަކަށް ހަތަރު ފަތުރުވެރިން ޖެހެއެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ޝަރަފު އޮސްޓްރިޔާއަށް ލިބުނުކަމަށްވިޔަސް ފަތުރުވެރިންގެ އަދަދަށް އެކަނި ބަލައިގެން އޮސްޓްރިޔާއަށް ލިބެނީ ބާރަވަނައެވެ. އަދަދަށް ބަލައިގެން އެއްވަނަ ލިބެނީ ފްރާންސަށެވެ. އަހަރަކު ސަތޭކަ މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކުރެއެވެ.
އޮސްޓްރިޔާގައި ގޮނޑުދޮށެއް ނެތެވެ. އެހެންވީމާ އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން ގޮސްއުޅެނީ ކޮންކޮންތާކަށް ހެއްޔެވެ. ސާރވޭތަކުން ދައްކާގޮތުގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށެވެ. އެރަށުގެ ޝޮންބްރުން ގަނޑުވަރާއި ތިއޭޓަރ ހައުސްއާއި ނެޗަރަލް ހިސްޓްރީ މިއުޒިއަމަކީ އެންމެ ގިނައަދަދެއްގެ ފަތުރުވެރިން ޖަމާވާ ތަންތަނެވެ. ފަތުރުވެރިން ގިނަވެގެން އުނދަގޫ ބޮޑުވެގެން އޮސްޓްރިޔާގެ ރަށްފުށުގެ ބައެއް ރަށްރަށުގެ ރައްޔިތުން ފަތުރުވެރިކަން ފުޅާކުރުމާ ދެކޮޅަށް މިހާރު މުޒާހަރާވެސް ކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ