މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ދޭ ފައިސާ މިހާރަށްވުރެ ދެގުނަ އިތުރުކޮށް، އަވަހަށް އެ ފައިސާ ގައުމުތަކަށް ލިބޭނެ ގޮތް ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި މިހާރު ކުރިއަށްދާ "ހައި ލެވްސް މީޓިން އޮން ސީ ލެވެލް" ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޫސުމީ ބަދަލަކީ މިހާރު ދިމާވެފައިވާ ނުރައްކަލެއް ކަމަށެވެ. ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ނެތެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީހީ ބައެއް ތަންތަނަށް ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުންވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅިފައިވާ ކަމަށެވެ. މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ވީހާވެސް އަވަސް ހައްލެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އައްސޭރިފަށުގައި ދިރިއުޅެމުންދާ މީހުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ މައްސަލަތަކާ އަޅާބަލާއިރު އެކަށީގެންވާ ފިޔަވަޅުތަކެއް ނޫން. އަޅުގަނޑުމެން މި ގޮވާލަނީ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް. އަޅުގަނޑުމެން މި ގޮވާލަނީ އެކަންކަމަށް ހަރަދުކުރާ ފައިސާ ދެގުނަ ކުރުމަށް،" ރައީސް ވިދާޅުވިއެވެ.
"އެ ފައިސާ ހޯދުމަށް އޮންނަ ދިގު މުއްދަތާއި އުނދަގޫ ޝަރުތުތައް އުވާލައި ނުރައްކާ އޮތް މިންވަރަށް ރިއާޔަތް ކުރުމަށްފަހު ފައިސާއަށް ދޫކުރުމަށް ގޮވާލަން"
މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވަނީ ސިޔާސީ ހިތްވަރާއި ދާއިމީ ގޮތެއްގައި އެ މަސައްކަތުގައި ދެމިތިބުން ކަމަށް ރައީސް ވިދާޅުވިއެވެ. ޕެރިސް އެގްރީމެންޓް އަދި އެޖެންޑާ 2030 ހާސިލުވާނީ ހުރިހާ ފަރާތެއް ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަތުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާނެ ސައިންޓިފިކް އިލްމު އެބަހުރި. މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ވަސީލަތްތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
"މޫސުމީ ބަދަލުތަކުން ސަލާމަތްވާންޖެހޭ. އަޅުގަނޑުމެން މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކޮށްފިނަމަ އެކަމުން ސަލާމަތްވާނެ"
ރާއްޖެއިން ވަނީ 1989 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް "އިންޓަނޭޝަނަލް ކޮންފަރެންސް އޮފް ސްމޯލް ސްޓޭޓް އޮން ސީ ލެވެލް" ބާއްވައިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ 1987 ވަނަ އަހަރު ރާއްޖޭގެ ވެރިރަށް މާލެ ސިޓީ ވަށައި ރިވެޓްމެންޓް ޖަހައިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު