އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ގިނަ ބަޔަކު ލުބުނާނުގެ ސްކޫލްތަކަށް ޖަމާވާން ފަށައިފިއެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ލުބުނާނަށް ހަމަލާ ދޭން ފަށާފައިވާއިރު ދެކުނު ލުބުނާނުން އެތައް ހާސް ބަޔަކު ވަނީ އުތުރު ލުބުނާނަށް ދާން ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ލުބުނާނުގެ އޮފިޝަލުން ވަނީ ގެދޮރު ދޫކޮށް ދާ ފަރާތްތަކުގެ ތެރެއިން 28000 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަނީ އެ ގައުމުގެ ސްކޫލްތަކުގައި ކަމަށް ބުނެފައެވެ.

މީގެ އިތުރުން ދެކުނު ލުބުނާނުން ގެދޮރު ދޫކޮށް ދިޔަ ގިނަ ބަޔަކު އާއިލާތަކާއި ރައްޓެހިންނާއެކު އުތުރު ލުބުނާނުގައި ގެތައް ކުއްޔަށް ހިފައިގެން ދާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އިސްރާއީލުގެ ސިފައިން ހޯމަ ދުވަހުން ފެށިގެން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 550 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެތެރޭގައި 50 އަށްވުރެ ގިނަ ކުޑަކުދީން ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.