ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާނެ ގޮތްތައް އެ ކޮމިޝަނުން ފަސޭހަކޮށްދީފިއެވެ.
އީސީން މިއަދު ވަނީ ސިޔާސީ ޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސް އެ އިސްލާހު ގެޒެޓުކޮށްފައެވެ.
އަލަށް ގެނައި އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެ ކަމަށެވެ. އަދި ޕާޓީއަށް ހުށަހަޅައިގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށްނުދީފި ނަމަ، އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އެ މީހެއްގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެ ކަމަށެވެ.
ޕާޓީއެއްގެ މެންބަރަކު، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ޕާޓީގެ ދަފުތަރުން ވަގުތުން އެ މީހަކު އުނިކޮށްދޭންވާނެ ކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ.
އެ އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވަނީ ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް، އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަކޮށްދޭންވާނެ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގަވާއިދުގައި މީގެ ކުރިން ބަޔާންކޮށްފައިވަނީ މީހަކަށް ނޭނގި އޭނާ ޕާޓީއަކަށް ވައްދާފައިވާކަމުގެ ޝަކުވާ އީސީން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށް ހުށަހެޅުމުން އެއީ ތެދު ޝަކުވާއެއްކަން ފެނިއްޖެނަމަ، އެ ޕާޓީއަކުން އޭނާ ވަކިކޮށްދޭންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު