މާލޭގެ މަގުމަތަކުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
ޓްރާންސްޕޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެގޮތަށް އެންގީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތައް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމުގެ ގޮތުން ކަމަށެވެ.
އެ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލުން މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލުން އެ ތާރީހާ ހަމައަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫނުކުރުމަށްވެސް އެ ކައުންސިލަށް އަންގާފައިވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން، ޕާކިން ޖާގަތައް ކުއްޔަށް ދޭން ހުޅުވާލީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ޕާކިން ޖާގަތަކަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދަށް މަހު ފީއެއްގެ ގޮތުގައި ދައްކަންޖެހެނީ ޓެކްސީތަކަށް މަހަކު 650 ރުފިޔާ، ޕްރައިވެޓް ކާރުތަކަށް މަހަކު 1،500 ރުފިޔާ އަދި ކުންފުނިތަކަށް މަހަކު 3،000 ރުފިޔާއެވެ.
އެ ޕާކިންތައް ކުއްޔަށް ދޫކޮށްފައިވަނީ ގިނަވެގެން އެެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ޕާކިން ސްލޮޓުތަކަށް އޭރު ހުޅުވާލީ ކޮންމެ މީހަކަށް ތަފާތު ތިން ސަރަހައްދަކުން ސްލޮޓަށް އެދެވޭ ގޮތަށެވެ.
މީގެ ކުރިންވެސް ސިޓީ ކައުންސިލުން ދޫކުރި ޕާކިން ޖާގަތަކަށް އެދި ގިނަ ބަޔަކު ފޯމު ލުމުން، ގިނަ ސްލޮޓުތައް ދިނީ އާންމުކޮށް ސައިކަލުތައް ޕާކުކުރާ ސަރަހައްދުތަކުންނެވެ. އަދި ބައެއް ޕާކިން ޖާގަތައް ވިއްކީ އެންމެ ރަނގަޅަށް ނޫން ކަމަށްބުނެ، އެކަމާ ގުޅިގެން ތުހުމަތުތަކަކާއެކު ގިނަ އާންމުންގެ ކަންބޮޑުވުންތަކެއް ވެސް އޭރު ފާޅުކުރަމުންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު