ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މިފްކޯ އަދި އެގްރިކަލްޗާ މިނިސްޓްރީގެ އިސް ބޭފުޅުންނާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ވަނީ އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައި ކަމަށެވެ. އަދި މިފްކޯގެ ސައިޓްތައް ކަމަށްވާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާ މެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާ މެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި އެ މަޝްވަރާ ބައްދަލުވުމުގައި އެގްރިކަލްޗާ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދީފައެވެ. އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި ގަސްގަހާގެއްސާއި ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނޭ ކަމަށް ބުންޏެވެ. އަދި އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކޮށްފައިވާ ކަމަށް ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ކުރާ ދަނޑުވެރިކަމުން އެ ކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަންޖެހޭ ހަރަދުގެ ބައެއް ސަލާމަތް ކުރެވެއެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެންވެސް އެ ކުންފުނީގެ ހަރަދުތައް މެނޭޖުކުރާ ކަމަށް ބުންޏެވެ. މިފްކޯގައި ގާތްގަނޑަކަށް 2000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު