މާރާމާރީގެ މައްސަލައެއްގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުންދިޔަ ތިން މީހަކު ރާއްޖެ އައުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މިމަހުގެ ހަތަރުވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާމެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. މަސްކޮތަންގެ، މުހައްމަދު ސިބްތް އަބްދުﷲ (19އ)، މާލެ، ހ. ދޮންތުނޑި، މުހައްމަދު އަހްސަމް (26އ) އަދި ލ. ގަން، މުކުރިމަގު, އަސްވާނު މުހައްމަދު (28އ) ކަމަށް ފުލުހުން ބުންޏެވެ.

"ކޯޓު އަމުރެއްގެ ދަށުން މި މީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑްއިން ރާއްޖެ އައި ވަގުތު. އެކަކު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު،" ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަސްވާން މުހައްމަދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މުހައްމަދު ސިބްތު އަބުދުﷲ އަދި މުހައްމަދު އަހްސަމް، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.