މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބަލަހައްޓަމުންދާ މާލޭ ކޮމާޝަލް ހާބަރު ނުވަތަ މާލޭ ވިޔަފާރި ބަނދަރު، 2027 ގައި ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ އެމްޕީއެލްގެ މަސައްކަތްތައް ބައްޓަން ކުރަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން މަސައްކަތްކޮށް މާލޭ ވިޔަފާރި ބަނދަރުގެ މައްސަލަ އެއްކޮށް މި ދައުރުގެ ތެރޭގައި ހައްލުކުރައްވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ﷲ ގެ ވާގިފުޅާއެކު މާލޭ ކޮމާޝަލް ހާބަރުގެ އެއޮތް ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި މި ދައުރުގައި މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރާނަން. ﷲގެ ވާގިފުޅާއެކު މަސައްކަތް ރޭވިފައިވާ ގޮތަށްދާނަމަ 2027 ވަނަ އަހަރު ނިންމާނީ މި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ތިލަފުށީގައި މަސައްކަތް ކުރަމުން،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމަށް ރައީސް ފައްޓަވައިފައިވާ މަސައްކަތްތަކުގެ ތެރެއިން މެރިޓައިމް ދާއިރާއަކީ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ހިދުމަތުގައި އެންމެ ބޮޑު އެއް ދައުރު އަދާކުރާ ފަރާތަކީ އެމްޕީއެލް ކަމަށެވެ. ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލެއް ގާއިމުކުރާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ
އޭނާ ވިދާޅުވީ އެއިރުން ބޮޑެތި ޓޭންކުތައް ބަހައްޓައިގެން ބަންކަރިން ހިދުމަތް މިއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"އޮފްޝޯކޮށް ބަންކަރިން ހިދުމަތް ފެށުނު ނަމަވެސް ހޯރަފުށީގެ ފަޅު ހިއްކައިގެން އެތަނުގައި ބޮޑު ބިމެއް އުފައްދައި ޝޯކޮށް އެއްގަމުން މި ހިދުމަތް، ބަންކަރިން ހިދުމަތް ދެވޭ ގޮތަށް އޮއިލް ޓާމިނަލް ތައްޔާރުކުރާނެ ދެވަނަ ފިޔަވަހީގެ ގޮތުގައި. މިއަދު މި ފެށޭ އޮފް ޝޯ ބަންކަރިންގެ އިތުރަށް ދެވަނަ ފިޔަވަހީގެ ގޮތުގައި ގާއިމުކުރާނީ މި ދެންނެވި ބިން ހިއްކައިގެން އޮއިލް ޓާމިނަލެއް ގާއިމުކޮށްފައި ބޮޑެތި ޓޭންކުތައް ބަހައްޓައިގެން ބަންކަރިން ހިދުމަތް ދޭ ގޮތަށް،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު އިތުރަށް ވިދާޅުވީ އެމްޕީއެލުން ބަލަހައްޓާ އަދި ހިންގާ ގޮތަށް ކޮންޓެއިނާ ޓާމިނަލެއް ވެސް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ ޓާމިނަލުން ރާއްޖޭގެ އިގުތިސޯދަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު