ޕޭޖަރުތަކެއް ގޮވި ހާދިސާއަށްފަހު ލުބުނާނުގައި ވޯކީޓޯކީތަކެއްވެސް ގޮވައިފިއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ގެ މެންބަރުން ގެންގުޅޭ ވޯކީޓޯކީތަކެއް ގޮއްވާލުމުގެ ހާދިސާތައް ހިނގާފައިވަނީ ބެއިރޫތުގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ބުދަދުވަހު ހިގާފައިވާ ވޯކީޓޯކީތަކެއް ގޮވި ހާދިސާގައި ތިން މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގައި ވޯކީޓޯކީތަކެއް ގޮވާފައިމިވަނީ އެ ގައުމުގައި އާންމުން ބޭނުންކުރަމުން އަންނަ ޕޭޖަރުތަކެއް ގޮވައި 3000 އަށްވުރެން ގިނަ މީހުންނަށް އަނިޔާވެފައިވާ ހާދިސާއިން އަރައިނުގަނެވެނީސް ޖެހިގެން އައިދުވަހުއެވެ.

ލުބުނާނުގައި ޕޭޖަރުތަކެއް ގޮވި ހާދިސާގައި 12 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގައި ވަޔަލެސް ޑިވައިސްތަކެއް ގޮއްވާލި ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް އެ ގައުމުން ވަނީ އެއީ އިސްރާއީލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ހިތިކޮށް ހިފާނެ ކަމަށް ބުނެފައެވެ.