ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފު މިއަދު އައްޔަންކުރައްވައިފިއެވެ.
އައްބާސްއަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އޭނާއަށް މަގާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަހުމަދު މުއުތަސިމް އަދުނާންއެވެ.
ޕީޖީ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން އިއްޔެ ވަނީ ރުހުންދީފައެވެ. އެއީ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެންނެވެ.
އައްބާސް އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަގާމާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ގަވާނިން ބޯޑުގެ މެންބަރުކަން ހިމެނެއެވެ.
ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އައްބާސްއަކީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވެފައިވާ ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަންވެސް ކުރައްވައިފައެވެ.
އޭގެ އިތުރުން ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަމީމު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު